ޚަބަރު

ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް އަންނައަހަރު ދެއްކޭނެކަމަށް ބެލެވޭ - ފިނޭންސް މިނިސްޓަރ


ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ބައެއް އަންނަ އަހަރު ދައްކައި ޚަލާސްކުރެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ދަރަނި ވީހާވެސް އަވަހަށް ދެއްކޭނެ ގޮތްތައްބަލަމުން އަންނަކަމަށާއި، އެގޮތުން މެނޭޖު ކުރެވޭ މިންވަރަކަށް އަންނަ އަހަރު ދަރަނި ދައްކުރެވޭނެކަމަށެވެ. ދަރަނި ދަށްކުރެވޭނެ ބައެއް ގޮތްތައް ފެނިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލް ހާމައެއް ނުކުރައްވައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި އިންޓްރެސްޓް ޕޭމަންޓް އަދި ޕްރިންސިޕަލް އަދާކުރުމަށް 4 ބިލިއަން ރުފިޔާ ހިމަނާފައިވާކަމަށާއި، މިހާރު ހުރި ދަރަނި އެހެން ގޮތްގޮތުންވެސް ދައްކާ ޚަލާސްކުރެވޭނެ ބައެއް ގޮތްތައް ކަނޑައެޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ބޭރުގެ އެކިއެކި ފަރާތްތަކާ ދެކެވުނު ވާހަކަތަކުންވެސް ރާއްޖޭގެ ދަރަނި އަދާކުރުމަށް އިތުރު ފުރުސަތުތަކެއް މިހާރު ފަހިވަމުން އަންނަކަމަށާ، އެ މަސައްކަތް މިހާރު މިނިސްޓްރީ ލެވެލްގައި ކުރެވެމުން އަންނަކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

"އެބަ ވިސްނަން އަޅުގަނޑުމެންގެ މިހާރު ހުރި ދަރަނި ހަމަ ވީހާވެސް އަވަހަކަށް ޕޭބެކް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި ދަރަނި ހަމަ މެނޭޖެބަލް ލެވެލްއެއްގައި ދަށްކުރުމަށް. ބޭރުގެ ފަރާތްތަކާ އަޅުގަނޑުމެންނަށް ދެކެވުނު ވާހަކަތަކުން އެ ޕޮސިބިލިޓި ހަމަ ފާހަގަވޭ."

ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު 3.7 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެތެރޭގައި އެތެރޭގެ އަދި ބޭރުގެ ލޯނުތައް ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ވޭތުވެދިޔަ ސަރުކާރުތަކުން 1.4 ބިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ 24 ފަރާތަކަށް ދީފައިވާކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ދިން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރޭއިން ބައެއް، ބަޖެޓް ސަޕޯޓްގެ ގޮތުގައި ވަނީ ހިމަނުއްވާފައެވެ.