ޚަބަރު

ބައިނަލްއަޤްވާމީ މަސްރަޙުގައި އިތުބާރު ހޯއްދުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެނޭ - ޝާހިދު


ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއަށް ގެއްލިފައިވާ އިތުބާރު އަލުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފެށްޓެވި މަސައްކަތުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފިކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ފޮރިންގ މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެމަނިކުފާނު ވެރިކަމާ ހެވާލުވެވަޑައިގެންނެވުމަށްފަހު ރަސްމީ ޙައިސިއްޔަތުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އިންޑިއާއިން ވަރަށް ހޫނު މަރުހަބާއެއް ރައީސް ޞާލިޙަށް ދަންވާފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި 4 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވެއެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅުގެ ކާމިޔާބީއާއި ގުޅޭގޮތުން އިންޑިއާގެ އާގަރާގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާށޅުވީ ފާއިތުވި ފަސް އަހަރުދުވަހު ރާއްޖޭގެ ޚަރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތްއޮތީ ޗައިނާއާއި އިންޑިއާ ދެމެދު ނުތަނަވަސްކަން އިތުރުކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާ ދެޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދެން މެދުވެރިވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން މިހުރިހާ މައްސަލައެއް ހައްލުވެގެން ހިނގައްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން އިންޑިއާއަށް ދަތުރުކުރުމުގައި ވީސާގެ ލުއިތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވަމުން ފޮރިންގ މިނިސްޓަރ ވަނީ ރާއްޖޭގެ ބަޖެޓާމެދު ކުރީ ސަރުކާރުން ޢަމަލުކުރި ގޮތުގެ ސަބަބުން އައިސްފައިވާ ލޮޅުންތައް ހަމަޖެއްސުމަށާއި، ކުރީގެ ގޯސް މާލީ އުސޫލުތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ބޮޑެތި ތަދިތައް ނައްތާލުމަށްޓަކައި ބޭނުންވާ އެހީ ވަރަށް ދީލަތިގޮތެއްގައި އިންޑިއާއިން ހަމަޖެހިގެން ދިޔަކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާއިން އެކިދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށާއި، ތަޢުލީމަށް 1000 ސްކޯލާޝިޕް ހަމަޖެހިގެން ގޮސްފައިވާކަމަށްވެސް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިހުރިހާ ކަމަކަށް ބަލާއިރު ރައީސް ޞާލިޙްގެ ދަތުރުފުޅަކީ އާދަޔާ ޚިލާފް ކާމިޔާބުތައް ލިބުނު ދަތުރެއްކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖެއާއި އިންޑިއާ އަދި އެނޫންވެސް ޤައުމުތަކާއެކު ހަރުދަނާ ގުޅުންތަކެއް ބިނާކުރުމަށް ބިންގާ އެޅިގެން ދިޔަ ދަތުރެއްގެ ގޮތުގައި މިނިސްޓަރ މިދަތުރުފުޅު ސިފަކުރެއްވިއެވެ.

"އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައި ތިއްބެވުމުގެ ޝަރަފް ލިބިވަޑައިގަންވަނީ ވަރަށް ޚާއްޞަ ހާލަތެއްގައި ވަރަށް މަދު ބަޔަކަކަށް. އެ ފުރުސަތު ރައީސް ޞަލިޙަށް ދެއްވުން އެއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރާ ރައީސް ޞާލިހަށް އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ދެއްވި ވަރަށް ބޮޑު ޝަރަފެއް. އެކަމުން ދޭހަކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ވާސިލް ވެއްޖެކަން. އަދި ދެޤައުމުގެ ދެމެދު ދެކެވުނު ވާހަކަތަކުން ހާމަވެގެންދިޔައީ އެއްޤައުމު އަނެއްޤައުމަށް އިޙްތިރާމްކޮށް ޔަޤީންކަން އުފެދިފައިވާ މިންވަރު. އަދި ކުރިއަށް އޮތްތަނުގައި ކަންކަން ހައްލުކުރުމަށް ފަސްނުޖެހި އެއްބައިވެގެން ތިބޭނެކަން."

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރގެ ވާހަކަފުޅުގައި ރައީސް ޞާލިޙްގެ ދަތުރުފުޅުގައި ދިފާޢީ އަދި އަސްކަރީއ އެއްބަސްވުމެއްގައި ދެޤައުމުން ސޮއިކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަބަދުވެސް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީންތަކުގެ ވާހަކަތައް ދެކެވުނުކަމަށާ، އިތުރު މަޝްވަރާއެއްކޮށް މިދާއިރާއިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޞަލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހިނަރުކަމެއް ނާންނާނެކަން ފާހަގކުރައްވަމުން މިނިސްޓަރ ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދޭ ޤައުމެއްކަމަށާ ޗައިނާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ގާތް ރަޙްމަތްތެރި ޤައުމެއްގެ ގޮތުގައިކަމަށެވެ. އަދި އެއްޤައުމު އަނެއްޤއުމަށް ނުތަނަވަސްކަން އަންނަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ރައީސް ފެށްޓެވި މަސައްކަތަކީ ރާއްޖެއަށް ބައިނަލްއަޤްވާމީ ދާއިރާއިން ގެއްލިފައިވާ އިތުބާރު ހޯދުމުގެ މަސައްކަތެއް. ވަރަށް ކާމިޔާބުކަމަށް އަޅުގަނޑަށް ފެނޭ. އަދި އޭގެ ހެޔޮ ނަތީޖާ ލަސްތަކެއް ނުވެ ރައްޔިތުންނަށް ލިބިގެންދާނެ."

މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަންނަ އަހަރުގެ ކުރީކޮޅު އަބޫދާބީއަށް ދަތުރުފުޅެއް ކުރެއްވުމަށް މިހާރު ހަމަޖެހިފައިވާކަމަށްވެސް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިދު ވަނީ ވިދާޅުވެފައި.