ޚަބަރު

ބެން ގުރިއޮންގައި ހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ގެންދަނީ


މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން އެއްބަސްވުމާއެކު، ޔަހޫދީ ދައުލަތުގެ ބެން ގުރިއޮން ވައިގެ ބަނދަރުގައި ހުރި އެމެރިކާގެ ރިފިއުލިން މަތިންދާބޯޓުގެ 20 އިންސައްތަ އެ ވަައިގެ ބަނދަރުން ގެންދިޔުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

އެ މަތިންދާބޯޓުތައް ދެން ގެންދާނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެއެވެ. އެ އުޅަނދުތައް ޔަހޫދީންގެ އަސްކަރީ މަރުކަޒަކަށް ނުވަތަ އެ ދައުލަތުން ބޭރަށް ގެންދިޔުން ވެސް އެކަށީގެންވެއެވެ.

ބެން ގުރިއޮން ވައިގެ ބަނދަރުގައި އެމެރިކާގެ 72 ރިފިއުލިން މަތިންދާބޯޓު އޮތް ކަމަށް ބެލެވެއެވެ. އެ އުޅަނދުތަކުގެ ސަބަބުން އެ ވައިގެ ބަނދަރުގައި ހުރި ޕާކިންގ ޖާގައިގެ ދެބައި ކުޅަ އެއްބައި ވަނީ ގެއްލިފައެވެ. ބެން ގުރިއޮން ވައިގެ ބަނދަރުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ހުރުމުން ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީންގެ އެއާޕޯޓު ކުންފުންޏަށް 248 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

ޔަހޫދީންގެ އެއާޕޯޓު ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ޝެރޮން ކެޑްމީ މީގެ ކުރިން ބުނީ އެމެރިކާގެ އަސްކަރިއްޔާގެ ރިފިއުލިން މަތިންދާބޯޓުތައް ބެން ގުރިއޮން ވައިގެ ބަނދަރުގައި އޮތުމުން އެ ވައިގެ ބަނދަރުގެ މަސައްކަތްތައް ތިންބައި ކުޅަ އެއްބަޔަށް މަޑުޖެހިފައިވާ ކަމަށެވެ. އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ޙަރަކާތްތަކުގެ 70 އިންސައްތަ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

އެމެރިކާގެ އަސްކަރީ މަތިންތާ ބޯޓުތައް ބެން ގުރިއޮން ވައިގެ ބަނދަރުގައި ހުރުމުގެ ސަބަބުން އާންމު ދަތުރުފަތުރަށް ބުރޫ އަރާ ކަމަށް މިދިޔަ މަހުގެ ކުރީ ކޮޅު ޔަހޫދީންގެ މަދަނީ ވައިގެދަތުރުފަތުރާ ބެހޭ އިދާރާގެ އިސްވެރިޔާ ޝްމުއެލް ޒެކޭ ވެސް ބުނެފައިވެއެވެ. އޭގެ ސަބަބުން ޔަހޫދީ އެއާލައިންތަކަށް ގެއްލުން ލިބެމުންދާ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.