ސިޔާސީ

ރައީސްގެ އެއްވެސް ސިޔާސީ ވާދަވެރިއެއް ނުހުންނާނެ- ތަރުޖަމާނު


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެއްވެސް ސިޔާސީ ވާދަވެރިއެއް ނުހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ. އިބްރާހިމް މުއާޒް އަލީ މިހެން ވިދާޅުވީ އެމްބީސީ ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައެވެ.ރައީސްގެ ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމަށް ވަޑައިގަތީ މުޖުތަމައުގައި ހުރި މައްސަލަތަކާއި ކުރިމަތިލައްވަންކަމަށާއި އެގޮތުން މިހާރުވެސް ރައީސް މަސައްކަތްޕުޅު ކުރައްވަނީ އަމާން މުޖުތަމައުއެއް ގާއިމްކޮށް ދިމާވަމުންދާ މައްސަލަތައް ހައްލުކުރެއްވުމަށްކަމަށެވެ. އެގޮތުން ސިޔާސީ ވާދަވެރިން ދައްކަވާ ވާހަކަފުޅުތަކުގެ ތެރޭގައި މަސްއޫލުވެ އުޅުއްވުމަށްވުރެ، ރައީސްގެ ވިސްނުންފުޅު ހުރީ ޒުވާނުންނަށް ބޭނުންވާ ވަޒީފާތައް އުފައްދާ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ކަންތައްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތައް ހޯދައިދީ ގައުމުތަރައްގީކުރުމަށްކަމުގައިވެސް މުއާޒް ވިދާޅުވިއެވެ.މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައީ ވަކި ބަޔަކަށް ފާއިދާތަކެއް ހޯދައިދޭން ނޫންކަމަށާއި މި ސަރުކާރުން މަސައްކަތްކުރައްވަމުންދަނީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ އުސޫލެއްގެ މަތިންކަމުގައިވެސް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވިއެވެ. އަދި ގައުމުތަރައްގީކޮށް ގައުމު ކުރިއެރުވުމަށް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީޕީއާއި އެކުވެސް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ތައްޔާރަށްކަމުގައި ވިދާޅުވިއެވެ.މުއާޒް ވިދާޅުވީ ކޮންމެ ސިޔާސީ ވެރިއަކަށްވެސް މި ސަރުކާރުން އިހްތިރާމް ކުރައްވާކަމަށާއި ސިޔާސީވެރިންނާ މަޝްވަރާގެ މޭޒްދޮށަށް އައުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ދެއްވަވާފައިވާކަމުގައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ ސިޔާސީގޮތުން ދިމާކުރާ ދިމާކުރުމަކުން ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއަކަށް ހުއްޓުމެއް ނާރާނެކަންކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ރައީސް ދެމިހުންނަވާނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގެ މަތީގައިކަމަށްވެސް  ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވިއެވެ.