ޚަބަރު

ޕާޓްނާރސް ފޯރަމް 2018ގައި ބައިވެރިވުމަށް ހެލްތް މިނިސްޓަރ އިންޑިއާއަށް ފުރާވަޑައިގެންފި


ދަ ޕާޓްނަރޝިޕް ފޯރ މެޓަރނަލް، ނިއު ބޯން އެންޑް ޗައިލްޑް ހެލްތްއިން ބާއްވާ "ޕާޓްނަރސް ފޯރަމް 2018"ގައި ބައިވެރިވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އިންޑިއާށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ އަމީންގެ މި ދަތުރުފުޅަކީ އިންޑިއާގެ ހެލްތް މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ފޯރަމް އޮންނާނީ 12 ޑިސެމްބަރުން 13 ޑިސެމްބަރަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި ފޯރަމްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެން، ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމަކީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތާގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ސިޔާސަތުތައް މެމްބަރު ޤައުމުތަކުގެ މެދުގައި ތަންފީޒުކުރެވެމުންދާ މިންވަރާއި، ހޯދިފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން ދަރިމައިވުމުގެ ސިއްހަތާއި، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޤައުމުތައް ގުޅިގެން ކުރެވޭނެ ކަންކަމާގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މިފަހަރުގެ ފޯރަމްގެ ތެރެއިން އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން ވެފައިވާ ބައެއް އެއްބަސްވުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމާއި، ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި ސަރަޙައްދީ ފެންވަރުގައި މަސައްކަތް ކުރާ ރީޖަނަލް ކެންސަރ ސެންޓަރ، އާރ.ސީ.ސީއާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އިންޑިއާއަށްކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ވެލްފެއަރ ޖަގަތު ޕްރަކާޝް ނަޑާއާއި، ނޭޕާލްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ޕޮޕިއުލޭޝަން އުޕެންދްރާ ޔަދާވްއާއި ވަކިވަކިން ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.