ވިޔަފާރި

ނައިޓް މާކެޓް ބާއްވަން ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަނީ


ނައިޓް މާކެޓް މިހާރު ބާއްވަމުންދާ ގޮތަށް ބަދަލުތަކެއް ގެނެސް، އެކަމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ނައިޓް މާކެޓް އެންމެ ފުރަތަމަ ބޭއްވީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ ހެޔޮއަގެއްގައި ވިއްކުމަށް މަގުފަހިކޮށްދިނުމަށްކަމަށެވެ. ނަމަވެސް މި މަޤްސަދާ ޙިލާފަށް މިހާރު ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވިއްކަމުން އަންނަ ކަމަށެވެ. އަދި އުސޫލެއް ނެތި ބޭނުން ފަރާތަކަށް ބައިވެރިވެވޭ ގޮތަށް ނައިޓް މާކެޓް ބޭއްވުމުގެ ސަބަބުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމަށާއި، މިއީ ސަރުކާރަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިކަމަށް ވަކި އުސޫލެއް ކަނޑައަޅުއްވާނޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެ މަހަކު ނައިޓްމާކެޓް އޮންނަކަމަށްވަންޏާ ވާގޮތަކީ ބޮޑުކުއްޔަށް ފިހާރަތަށް ނަގައިގެން އުޅޭމީހުންގެ ވިޔަފާރިތައް ހަލާކުވެގެން އެ ވިޔަފާރިތައް ބަނގުރޫޓުވެގެންމިދަނީ. އެހެންވީމަ އެއީކީ އަޅުގަނޑުމެންނަކަށް ޤަބޫލުކުރެވޭނެކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ދައުލަތައް ޓެކްސް މިލިބެނީ އެކަހަލަ ވިޔަފާރިތަކުން އެލިބޭ ޓެކްސްއިން. އެހެންވީމަ އޭގަ އަޅުގަނޑުމެން ކޮންމެވެސް ވަރެއްގެ ރެސްޓްރިކްޝަންތަކެއް ގެންގުޅޭނަން." އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޟު ވިދާޅުވީ މިހާތަނަށް ނައިޓް މާކެޓް ބާއްވަމުން އައީ ވިޔަފާރިވެރިންގެ ޖަމިއްޔާއިންކަމަށެވެ. ނަމަވެސް އެހެން ފަރާތްތަކުން ބާއްވާ ނައިޓް މާކެޓަށް ހުރަސްއެޅެމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ނައިޓް މާކެޓެއް ބާއްވާނެކަމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ލިކަމެކުން ވަނީ އިޢުލާންކޮށްފައެވެ.

ލިކަމެކުން ބޭއްވުމަށް އިއުލާންކޮށްފައިވާ ނައިޓް މާކެޓަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމުޢިއްޔާއާ އެއްވެސް ގުޅުމެއް އޮތް ނައިޓް މާކެޓެއް ނޫންކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ. އަދި ވިޔަފާރިވެރިންގެ ޖަމުޢިއްޔާ ފިޔަވައި އެހެން ފަރާތްތަކަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ނޯންނާނޭކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.