ޚަބަރު

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދު ފުއްދުމަށް މަގުފަހިކޮށްދޭ 16 ބިލެއް މަޖިލީހަށް ހުށަހަޅަނީ


ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތައް ފުއްދުމަށް މަގުފަހިކޮށްދިނުމަށްޓަކާ، ރައްޔިތުންގެ މަޖިލީހަށް 16 ބިލެއް ހުށެހެޅުމަށް ނިންމާފައިވާކަމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް މަގުފަހިކޮށްދިނުމަށްޓަކާ ބަންޑާރަނައިބުގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް ފަށައި، އޭގެ ތެރެއިން ބައެއް މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ. އަދި ސަރުކާރުގެ ވަޢުދުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ޤާނޫނުތަކާއި، ޢަމަލުކުރެވެމުންދާ ޤާނޫނުތަކުގެ ތެރެއިން އިޞްލާޙު ގެންނަންޖެހޭ ޤާނޫނުތައް ފާހަގަކޮށް، ސަރުކާރުގެ ވަޢުދުތައް ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ވަޢުދުތައް ފުއްދުމަށް މަގުފަހިކޮށްދިނުމަށްޓަކާ ކަމާބެހޭ ބިލުތައް އެކުލަވާލާ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މުޅިން އަލަށް އެކުލަވާލަންޖެހޭ 5 ބިލަކާއި، ޢަމަލުކުރަމުންދާ ޤާނޫނުތަކަށް އިޞްލާޙު ގެނެއުމަށްޓަކާ އެކުލަވާލަންޖެހޭ 11 ބިލާއެކު ޖުމްލަ 16 ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަން ފާހަގަކުރެވިފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ. އަދި އޭގެ ތެރެއިން 6 ބިލެއް މިހާރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާކަމަށާއި، ދެންހުރި ބިލުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކަމާބެހޭ ވުޒާރާތަކުގެ މަޝްވަރާއާއެކު ކުރަމުންދާކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި، މުރާޖަޢާކުރުމަކީވެސް ރައީސް ޞާލިޙު އިސްކަމެއް ދެއްވައިގެން ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާ ކަމަކަށްވާތީ، އެ މަސައްކަތް ކުރުމަށްޓަކާ އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ޙާއްސަ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ. އަދި އެ ކޮމެޓީގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި ޢަމަލުކުރެވޭ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާއި އެއްގޮތްކުރުމަށްޓަކައި އެ ޤާނޫނުތައް މުރާޖަޢާކޮށް، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް ފާހަގަކޮށް، އެކަމާގުޅޭ ބިލުތައް އެކުލަވާލުން ހިމެނޭކަމަށްވެސް އެ އޮފީހުން ބުނެއެވެ.