ޚަބަރު

އާ ޕީނަލްކޯޑުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ކުރިއެރުމެއް


އަލަށް އެކުލަވާލެވުނު ޤާނޫނުލް އަޤޫބާތަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޑރ އަޙްމަދު އަބްދުއްﷲ ދީދީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ އޭޕްރީލްމަހު އަމަލުކުރަން ފަށާ އާ ޤާނޫނުލް އުޤޫބާތަށް ކޯޓުތަކުގެ ފަނޑިޔާރުން އަހުލުވެރިކޮށް ޤާނޫނުލް އުޤޫބާތާމެދު ފަނޑިޔާރުންގެ ޚިޔާލުފާޅުކުރުމަށް ކޮމަންވެލްތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސެމިނާރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ބޭނުންކުރި ޤާނޫނުލް އުޤޫބާތަކީ 1968 ވަނައަހަރު ފާސްކުރުވުނު ޤާނޫނެއްކަމުން އާ ޤާނޫނުލް އުޤޫބާތު ފާސްކުރެވިގެންދިޔައީ ޝަރުޢީ ދާއިރާއަށް އެފަދަ ޤާނޫނަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ.މިސެމިނާގައި މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ ބާމިންހަމްގެ ޑިސްޓްރިކްޓް ކޯޓެއްގެ ޖަޖެއް ކަމަށްވާ ސަމީމް ގުރެއިޝީ އާއި ކޮމަންވެލްތުގެ ލީގަލްއެޑްވައިޒަރެއް ކަމަށްވާ މާކް ގޮދުރީ އަދި އޮސްޓްރޭލިއާގެ ބްރިޒްބަންގެ ޗީފް މެޖިސްޓްރޭޓް ރޭ ރިނައުޑާ އެވެ. ޤާނޫނުލް އުޤޫބާތަށް ގެނެސްފައިވާ ބަދަލުތަކާއި، އޮސްޓްރޭލިއާ އަދި އިނގެރޭސިވިލާތުގެ ކޯޓުތަކުން ހުކުމް އިއްވުމުގައި ބަލާކަންތައްތަކާ ގުޅޭ މައުލޫމާތު މިސެމިނާތެރޭގައި ފަނޑިޔާރުންނާ ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.  މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މިސެމިނާގައި ސުޕްރީމްކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންގެ އިތުރުން ދަށުކޯޓުތަކުގެ ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.