ޚަބަރު

މާލޭ މަގުތަކަށް ކުނިއަޅާ މީހުން ބަލަން ފުލުހުންނާ ހަވާލުކުރަނީ


މާލޭގެ މަގުތަކަށް އެންމެ ގިނައިން ކުނި އަޅާ ސަރަހައްދުތަކަކީ ކޮބައިތޯ ބަލައި، އެފަދަ ސަރަހައްދުތައް ބެލެހެއްޓުން އެންވަޔަރަމަންޓް ޕޮލިހާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފެށި ސާފުކުރުމުގެ ޤައުމީ ހަރަކާތް "ސާފުރާއްޖެ – އަހަރެންގެވެސް ޒިންމާ" ޕްރޮގްރާމްގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން މާލޭ ސަރަހައްދުގެ ކުނީގެ މައްސަލަ ހައްލުކުރުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. އަދި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގައި ފަރުދީ ޒިންމާ އިސްކޮށް، މިހާރަށްވުރެ ބޮޑަށް އާއްމުން މިކަމަށް ހޭލުންތެރިވާންޖެހޭކަމަށް މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ސިފާ ވިދާޅުވީ މިއަދުގެ ހަރަކާތުގެ ތެރެއިންވެސް އާއްމުން އެންމެ ގިނައިން މަގުމައްޗަށް ކުނި އަޅާ ބައެއް ސަރަހައްދުތައް ފާހަގަވެގެންދިޔަކަމަށެވެ. އެހެންކަމުން މިކަންކަން ހުއްޓުވުމަށްޓަކައި ކުރިއަށްއޮތްތާނގައި އެންމެ ގިނައިން މަގުމައްޗަށް ކުނި އަޅަނީ ކޮން ސަރަހައްދުތަކަކަށްތޯ ބަލައި އެފަދަ ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް އެންވަޔަރަމަންޓް ޕޮލިހާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް މާލޭ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އައިޑެންޓިފައިކުރާނަން މީހުން އާއްމުކޮށް ކުނި ޖަމާކުރަމުންދާ ތަންތަން. އަދި އެތަންތަން ބެލެހެއްޓުމަށް ފުލުހުންގެ ކިބައިން އެދޭނަން. އެތަންތަނަށް ކުނި އަޅަނީ ކޮންބައެއްތޯ ބަލައިދެއްވުމަށް. ދާއިމީގޮތެއްގައި އަޅުގަނޑުމެން އެދެނީ ގޭގޭގެ ކައިރީގައި އާއްމުކޮށް ކުނި ބަހައްޓަނީ ކޮންބައެއްތޯ ބަލާ، އެކަންކަން ހުއްޓުވުމަށް." މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ވެމްކޯގެ ތިލަފުށީގެ އޮޕަރޭޝަންތައްވެސް މިހާރަށްވުރެ ހަރުދަނާކުރެވޭނެ ގޮތްތައް ބަލަމުންދާކަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލަރުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީ އަދި ވެމްކޯގެ ޓީމްތައް ވަރަށް ކައިރި މުސްތަޤުބަލެއްގައި ތިލަފުއްޓަށް ދިއުމަށް ހަމަޖެހިފައިވާކަމަށް މޭޔަރ ވިދާޅުވިއެވެ.

"ތިލަފުއްޓަކީ ކުނީގެ އެންމެ ބޮޑު އޮޕަރޭޝަން ކުރިއަށްދާ ތަން. އަޅުގަނޑު އުފާކުރަން ވޯލްޑް ބޭންކްގެ އެހީއާއެކު ތިލަފުށީގެ ކަންކަން ހަރުދަނާކުރުމަށްޓަކާވެސް ޙާއްސަ މަސައްކަތްތަކެއް ކުރަމުންދާތީވެ. އަޅުގަނޑުމެން ތިލަފުއްޓަށް މިހަފްތާގެ ތެރޭގައި ވަރަށް އަވަހަށް ޒިޔާރަތް ކުރާނަން އެތަނުގެ ކަންކަން ބަލާލުމަށް."

މާލޭ ސިޓީގެ މަގުތަކަށް އާއްމުން އެންމެ ގިނައިން ކުނި އަޅާ ސަރަހައްދުތައް ބަލައި، އެފަދަ ތަންތަން ބެލެހެއްޓުން އެންވަޔަރަމަންޓް ޕޮލިހުންނާއި ހަވާލުކުރުމަށް ނިންމާފައިވާއިރު، މާލޭ ސިޓީގެ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ދޫކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ދާދިފަހުން ވަނީ ނިންމަވާފައެވެ.