ސިޔާސީ

ކާނަލް ނާޒިމްގެ ޝަޢުގުވެރިކަން ދަނގެތީ ދާއިރާގެ ގޮނޑިއަށް


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތީ ދާއިރާއަށް ކުރިމަތިލައްްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީގުގެ އިންތިޚާބު 2019 ގައި އދ.ދަނގެތީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ކާނަލް ނާޒިމް ވަނީ ޕީ.އެސް.އެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނާޒިމް ވިދާޅުވީ، ދަނގެތީ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ، އެ ދާއިރާއަކީ ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައިވާ ދާއިރާއަކަށްވެފައި، ދަނގެތީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ "ހައްޤު" މިންވަރު ހޯދައިދިނުމަށް ކަމަށެވެ. އަދި މިގޮތަށް ނިންމެވުމުގައި އޭނާގެ ޢާއިލާއާއި ގާތްތިމާގެ މީހުންގެ މަޝްވަރާގެ އިތުރުން، ދަނގެތީ ދާއިރާގައި ރަށްރަށުގެ ކައުންސިލްތަކުގެ މަޝްވަރާވެސް ހޯއްދަވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަނގެތީ ދާއިރާގައި ހިމެނޭ ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި މިހާރުން މިހާރަށް ހޯދިދާނެ ޙައްލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެމަނިކުފާނު މިހާރު ތަމްސީލުކުރައްވަމުންދާ ޖުމްހޫރީ ޕާޓީ މެދުވެރިކޮށްވެސް އެ ދާއިރާގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެވިދާނެކަމަށާ، މި ސަރުކާރު މެދުވެރިކޮށް ދަނގެތީ ދާއިރާގެ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ކާނަލް ނާޒިމް ފާޅުކުރައްވާފައިވާއިރު، އޭނާގެ މައްޗަށް 2015 ވަނަ އަހަރު އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ރިވިކުރުމަށްފަހު، އެ ޙުކުމް ބާޠިލުކުރުމުން ދާދިފަހުން އޭނާވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި މިހާރު އެޕާޓީގައި ފުރުއްވަމުން ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާޞިމް އިބްރާހީމްގެ އެޑްވައިޒަރކަމުގެ މަޤާމެވެ.