ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރުދިނުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށްޓަކައި ރައްޔިތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާފައިވާ މި ބިލަށް މާދަމާ އޮންނަ މަޖިލިސް ޖަލްސާގައި ބަހުސް ކުރުމަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގުކުރުމަށް އެކުލަވާލާފައިވާ ކޮމިޝަނަކީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މިއަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދެމެދު ގަސްތުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން ތަޙްޤީޤު ނުކުރެވި، މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.

އެ ކޮމިޝަނަށް ޤާނޫނީ ބާރު ދެއްވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާއިރު، އެ ކޮމިޝަނަށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނި ހުޅުވާލާފައެވެ. މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ މައްސަލަތަކުގެ ހަގީޤަތް ހޯދައި އެފަދަ މީހުންނާއި އެ މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތްކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ރިޔާސީ ވަޢުދެކެވެ.

މީގެ އިތުރުން، ނުހައްގުން މުއްސަނދިވުން ހުއްޓުވުމާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް ޞަލިޙް އެކުލަވާލާފައިވާ، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަނަށް ޤާނޫނީ ބާރުދިނުމަށް ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމަނާފައިވެއެވެ. މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކުރުމެވެ.