ސިއްހަތު

ޙެލްތް މިނިސްޓަރ، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައިހުންނަ މަންދޫބާއި ބައްދަލުކުރައްވައިފި


ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ.އަރްވިންދް މާތޫރާއި ޙެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ބައްދަލުކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް، ޑަބްލިއު.އެޗް.އޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ޑަބްލިއު.އެޗް.އޯއާއި އެޖަމްޢިއްޔާގެ ރާއްޖޭގެ އޮފީހާއި ހެލްތް މިނިސްޓްރީގެ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިއު.އެޗް.އޯއަކީ ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ބޮޑެތި އެހީތަކެއް ވެދެމުންދާ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ޖަމްޢިއްޔާއެވެ. އަދި އދ. އަށް ނިސްބަތްވާ އެޖެންސީތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ކަންޓްރީ އޮފީހެއް ހުޅުވި އެންމެ ފުރަތަމަ ތަނަކީވެސް ޑަބްލިއު.އެޗް.އޯއެވެ.

ޑަބްލިއު.އެޗް.އޯއިން ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ، ރާއްޖޭގައި ފެތުރޭ ބަލިތަކާއި، ސިއްޙީ މާޙައުލަށް އަންނަ ބަދަލުތައް ބަލައި މޮނިޓަރ ކުރުމާއި، މިފަދަ ބަދަލުތަކުގެ ތަފާސް ހިސާބު އެއްކުރުމާއި، ރިޕޯޓްކުރުމެވެ. އަދި ތަފާތު ބޭހާއި ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނުމާއި، ސިއްޙީ އާލާތްތައް ރާއްޖެއަށް ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގައި ޑަބްލިއު.އެޗް.އޯއިން އަންނަނީ އެހީތެރިވަމުންނެވެ. މީގެއިތުރުން ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކުރުމަށާއި، ދަރިމައިވުމުގެ ސިއްޙަތާ ގުޅޭގޮތުންވެސް ޑަބްލިއު.އެޗް.އޯއިން އަންނަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.