ޚަބަރު

ގަޑިޖެހޭ މެންބަރުންނަށް ފިޔަވަޅު އަޅަނީ


ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގަޑިއަށް ޖަލްސާއަށް ހާޒިރު ނުވާ މެންބަރުންނާއި މެދު ފިޔަވަޅު އެޅުމަށް މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެންނަވާނެކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ޖަލްސާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށޭނެގޮތް ނުވުމުންނެވެ.

މަޖިލިސް ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ ގަޑިއަށް ޖަލްސާއަށް ހާޒިރުނުވާ މެންބަރުންގެ ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުއްވާ އެ މައްސަލަ ބައްލަވާނެ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭބައެއްކަމަށާއި، ނަމަވެސް އެ ނަމޫނާ މެންބަރުންގެ ކިބައިން ފެނިގެން ނުދާކަމަށް ޤާސިމް ވިދާޅުވިއެވެ.

"ޖަލްސާ ނުފެށޭ ހާލަތަށް ދާއިރު އަޅުގަނޑުމެން މެންބަރުންގެ ދާއިރާތަކަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަސް ނަމޫނާއަކަށް ވާންޖެހޭ ބައެއް. މިފަދައިން ކަންތައްތައް ދިޔައިމަ ވަރަށް ހިތާމަކުރަން. އަޅުގަނޑު ގަސްތުކުރަން މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް މިއަދު މި މައްސަލަ ފޮނުވާ މަޤުބޫލު ސަބަބެއްނެތި ވަޑައިނުގަންނަވާ މެންބަރުންނަށް އަޅާނެ ފިޔަވަޅެއް ނިންމެވުމަށް. ވަރަށް ބޮޑަށް މާފުކުރައްވާތި،" ޤާސިމް އިބްރާޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ މި ނިންމުމަށް ތާޢީދުކޮށް ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ، ސްކޫލް ކުދިން ގަޑިއަށް ސުކޫލަށް ދާބަޔަކަށް ވީނަމަވެސް، އެއަށްވުރެ ޒިންމާދާރު ބޭފުޅުން ގަޑިއަށް ހާޒިރުވާ މަންޒަރު ފެންނަމުން ނުދާކަމަށެވެ.

"ސްކޫލު ކުދިންނަކީ ވަރަށް ރަނގަޅަށް ގަޑިއަށް ހާޒިރުވާ ކުދިބައެއް. ނަމަވެސް އެއަށްވުރެ ބޮޑެތި ކުދިން ހާޒިރުވެ ރައްޔިތުންގެ ޒިންމާތަކެއް އުފުލަންޖެހޭއިރު އިއްޒަތްތެރި ރައީސް ވިދާޅުވި ފަދައިން ވަކިބަޔަކަށް މިތަނަށް ހާޒިރުވެ މަޖިލިސް ފެށުމަށްޓަކާ އަދަބު އަންނަންޖެހޭ ގޮތަށް އޮތުމަކީ ކުރަންޖެހޭ ކަމެއްނޫން. ކޮންމެ ބޭފުޅެއްގެވެސް ޒިންމާއެއް ގަޑިއަށް ހާޒިރުވުމަކީ".

މަޖިލީހުގެ ޖަލްސާ ފެށުމަށް ކޯރަމް ހަމަވުމަށް ބޭނުންވާ ޢަދަދަކީ 22 މެންބަރުންނެވެ. މިއަދުގެ ޖަލްސާއަށް ގިނަ މަސައްކަތްތަކެއް އެޖެންޑާކޮށް ނުވައެއް ޖަހާއިރު ޖަލްސާ ފެށުމަށް ނިންމާފައި އޮތްނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުނީ ނުވަގަޑި ތިރީހުގައެވެ.

މަޖިލީހުގެ ޖަލްސާއަށް މެންބަރުން ހާޒިރު ނުވުމުން ނުވަތަ ގަޑިޖެހުނު ނަމަވެސް މަޖިލީހުގެ ޤަވާދުގައި ފިޔަވަޅު އެޅޭނެ އުސޫލެއް މިހާރަކު ނޯވެއެވެ.