ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އަންނަ މަހު އިންޑިއާއަށް ދަތުރުކުރައްވާ ގޮތަށް ނިންމަވައިފިއެވެ.
ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ އިސް ވަފްދުގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު "އިންޑިއާ ފަސްޓް ޕޮލިސީ"ގެ ގޮތުގައި ކަނޑައަޅައި އަންނަމަހުގެ ސަތާރަވަނަ ދުވަހު ރައީސް ޞާލިޙް އިންޑިއާއަށްކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ރައީސްކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމާއި ގާތްގުޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ގެ ސަރުކާރުން ދެއްވާ އަހަމިއްޔަތަށް އަލިއަޅުއްވައި އެމަނިކުފާނުގެ ޒަޢާމަތުގައި އެގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އިޖުތިމާއީ، އިޤްތިޞާދީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުމުގައި ދެ ޤައުމުގެ ރައްޔިތުންނަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދާދިނުމަށްޓަކައި ވިސާގެ އެއްބަސްވުމަކަށް އައުމުގެ މުހިންމުކަމާމެދު ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.