ޚަބަރު

ބޭރުގެ ދަރަނި ވަރަށްބޮޑު، އަދާކުރެވޭނެ ގޮތްތައް މިދަނީ ބަލަމުން - ފޮރިންގ މިނިސްޓަރ


ބޭރުގެ ޤައުމުތަކަށް ރާއްޖެ އިންތިހާއަށް ދަރަނިވެރިވެފައިވާތީ، އެ ދަރަނިތައް އަދާކުރެވޭނެ ގޮތްތައް ހޯއްދެވުމަށް މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިންގ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް މީޑއާއާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ބޭރުގެ ޤައުމުތަކަށް ރާއްޖެ އިންތިހާއަށް ދަރާފައިވާކަމަށާއި، އެދަރަނި އަދާކުރުމަށް އެޤައުމުތަކާއެކު މަޝްވަރާކޮށް އެދަރަނިތައް ދެއްކޭނެ ގޮތްތައް މުރާޖާކުރަން ފަށްޓަވާފައިވާކަމަށެވެ.

މި މަސައްކަތުގެ ދަށުން ގިނަ ޤައުމުތަކަކަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާ، އެގޮތުން އެންމެ ފުރަތަމަ ފެށޭ ހަފްތާގެ ތެރޭގައި އިންޑިއާއަށް ރާއްޖޭގެ ވަފްދެއް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ވަފްދުގައި ފޮރިންގ މިނިސްޓަރުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި، ޚާރިޖީވަޒީރާއި، އަދި އެހެނިހެން އިސް ވަފްދުތަކާއި ބައްދަލުކޮށް ރާއްޖޭގެ މިހާރުގެ ހާލަތު އިތުރަށް ތަފްސީލްކޮށްދެއްވާ، މިކަންކަމުގައި އިތުރަށް ކުރިއަށްދާނެ ގޮތްތަކެއް ހޯއްދަވާނެކަމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދިއަރަބިއްޔާއާއި، ޔޫއޭއީއާއި ޗައިނާއަށްވެސް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، ކުރީގެ ސަރުކާރުން ލޯންތައް ނަގާފައިވަނީ ކޮމާޝަލް ރޭޓުން ކަމަށާއި، ބޭންކުތަކުން ވިޔަފާރީގެ އުސޫލުން ދޫކުރާ ލޯން ނަގައިގެން ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުކުރުމަކީ ގެއްލުން ބޮޑުކަމެއްކަމަށެވެ.

"މި މަސައްކަތްކުރުމުގައި ފަސޭހަ މަސައްކަތެއްކަމުގައި ބަލައިގެން ނުވާނެ. އަޅުގަނޑުމެންގެ މަސައްތްތައް ރާވާ ހިންގަންޖެހޭނީ މިއީ ދިގުދެމިގެންދާ އެހެންނަމަވެސް ކާމިޔާބު ކުރެވޭނެ މަސައްކަތެއްކަން ޔަޤީންކޮށްގެންކަމަށް. ކޮންސެޝަނަލް ލޯންތައް ދޫކޮށްލާފައި، ވިޔަފާރީގެ ބޭންކުތަކުންދޭ ލޯން އިންޓަރެސްޓުގައި ލޯން ނެގީމަ އަނބުރާ ދެއްކުމުގެ ފުރުސަތެއް އަޅުގަނޑުމެންފަދަ ކުޑަކުޑަ އިކޮނޮމީއެއްގައި ނެތް"

ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ފާއިތުވި ފަސްއަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީގޮތުން ރާއްޖެ ބާކީވެ އެކަހެރިވެފައިކަމަށާ ރާއްޖެއާ ދޭތެރޭ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު ގެއްލިފައިވާކަމަށްވެސް ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު މީގެކުރިން ނިކަމެތިވެގެން ނުދާމިންވަރަށް ނިކަމެތިވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރާއްޖެ އަލުން އަނބުރާ ގެނައުމުގެ މަސައްކަތްކުރަންޖެހިފައިވާކަމަށާއި، ރާއްޖޭގެ އިތުބާރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ހިފަހައްޓާނެގޮތަށް މަސައްކަތްތައް ބައްޓާންކުރަންޖެހިފައިވާކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަކަމެއްގެ ގޮތުގައި ކުރައްވާނީ، ޚާރިޖީ ސިޔާސަތުގެ އަސާސްތައް ބޭރުގެ ޤައުމުތަކަށް އަންގަދިނުންކަމަށާއި، އޭގެތެރޭގައި، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ޙިމާޔަތްކުރުމަށް ގުޅުންތައް ބައްޓަންކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންނަށް އެންމެ ފައިދާކުރާނެގޮތަށް ކޮންމެ މައްސަލައެއްގައިވެސް ވިސްނުން ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކާއި، ތިމާވެށީ ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ކުރާ މަސައްކަތުގައި، ފުރިހަމައަށް ބައިވެރިވެ އިސްދައުރެއް ރާއްޖެއިން އަދާކުރާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ ސުލްހައަށް ކުރާ މަސައްކަތުގައި ބައިވެރިވާންފަށާނެކަމަށްވެސް މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

"ޚާއްޞަކޮށް އިންޑިއާ ކަނޑުގެ ސުލްހައާއި ހަމަޖެހުމަށް ކުރެވެމުންދާ މަސައްކަތަކުގައި އަވަށްޓެރި ޤައުމުތަކާއެކު ބައިވެރިވުން. ރާއްޖޭއާއި ގާތް ގުޅުމެއް ބާއްވާ ރާއްޖެއަށް އެހީތެރިވެދެންތިބި ހުރިހާ ޤައުމުތަކާއެކު ގުޅުން ބަދަހިކުރަމުން ގެންދިއުން. ރާއްޖޭގެ ތަރައްޤީއަށް ބޭނުންވެފައިވާ ބޮޑެތިއ އެހީތައް ހޯދުމަށް މަސައްކަތްކުރަމުން ގެންދިއުން"

ފޮރިންގ މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، އެޤައުމަށް ދަތުރުކުރާ ދިވެހިންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށާއި، އެހެންކަމުން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެކަންކަމަށް ފުރިހަމަ ހައްލެއް ހޯއްދަވާދެއްވާނެކަމަށްވެސް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.