ޚަބަރު

ރައީސް ޞާލިހު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު - އެތައްގޮތަކުން ޚާއްސަވެފައި ތަފާތު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހުވާކުރެއްވުމަށް ޤައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކީ ފަހުގެ ތާރީޚެއްގައި ބޭއްވި މިފަދަ އެންމެ ފުރިހަމަ ރަސްމިއްޔާތެކެވެ. މިހާ ހިސާބުން މި ރަސްމިއްޔާތުގައި ފާހަގަކުރެވުނު ޚާއްސަ ބައެއް ކަންތައްތަކުގެ މައްޗަށް ބަލާލާނަމެވެ.

ރާއްޖޭގެ 7ވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މަޤާމުގެ ހުވާކުރެއްވުމަށް ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްސަވެގެންދިޔަ ރަސްމިއްޔާތެކެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިހާ ގިނަ ޢަދަދެއްގެ ޢިއްޒަތްތެރިންނަށާއި، ޢާއްމުންނަށް ދަޢުވަތުދީގެން، ހުޅުވާލެވިފައިވާ ދަރުބާރެއްގައި ކުރިއަށްގެންދިޔަ ފުރިހަމަ ފަހަރެވެ.

ޤާނޫނުގެ އަސާސީގެ 114ވަނަ މާއްދާގައިވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ވެވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަޤާމަށް ކަނޑައަޅުއްވާފައިވާ ފައިޞަލް ނަސީމު މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2018ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް މުޅި ޤައުމީ ފުޓްބޯޅަ ދަނޑުވަނީ ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ. ވަކިން ޚާއްސަގޮތެއްގައި ރަސްމިއްޔާތަށް ތައްޔާރުކޮށްފައިވާ ސްޓޭޖް ފަރުމާކޮށްފައިވަނީ މަޖިލީހުގެ ޖަލްސާކުރާ މާލަމާއި، ޗެމްބަރު ސިފަވާނޭހެންނެވެ.

މުޅި ރަސްމިއްޔާތުގެ ޕްރޮޓޮކޯލްގެ ކަންތައްތަކާއި، އިދާރީ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ދަޢުވަތު އެރުވައިގެން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި، ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި އަސްކަރިއްޔާއިން އޮތީ ވަރަށްބޮޑަށް ތައްޔާރުވެފައެވެ.
ރައީސް ޞާލިހު މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތުމަކީވެސް ރަސްމިއްޔާތު ޚާއްސަވެގެންދިޔަ މުހިއްމު ސަބަބެކެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަން މި ރަސްމިއްޔާތަށް ލިބިގެންދިޔަ ސަބަބެކެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރުކަމާ، މޯދީ ހަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން 46 ޤައުމެއްގެ 300 އަށްވުރެ ގިނަ ބޭރުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ ތެރޭގައި ސްރިލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ބަންޑާރަނައިކެ ކުމާރަތުންގައާއި، އަވަށްޓެރި ބައެއް ޤައުމުތަކުގެ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނާއި، ސްޕެޝަލް އެންވޯއިންގެ ގޮތުގައި ބޮޑެތި ޤައުމުގެތަކުގެ ބޭފުޅުންނާއި، އެކި ޤައުމުތަކުގެ ސަފީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ބޭރުގެ ބައެއް ވިޔަފާރިވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ.
މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދިންގޮތުގައި މިއީ މަޖިލީހުގެ ޙަޔާތުގައިވެސް ބޭއްވި މިފަދަ އެންމެ ފުރިހަމަ އަދި އެންމެ ކާމިޔާބު ރަސްމިއްޔާތެވެ.

އަދި ރަސްމިއްޔާތުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސެވީ ސީދާ ރައީސް ޞާލިހުގެ ހިޔާލުފުޅާ މަޝްވަރާގެ މަތިންކަމަށާއި، ރަސްމިއްޔާތު މިހާ ފުރިހަމަކޮށް ބާއްވަން ބޭނުންވީވެސް ދިވެހި ޖުމްހޫރިއްޔަތަށް 50އަހަރު ފުރުމުގެ ރަންޔޫބީލް ފާހަގަކުރަމުންދާތީކަމަށެވެ. އަދި މި ރަސްމިއްޔާތު ވީހާވެސް ފުރިހަމަކޮށް ކުރިއަށްގެންދިއުމުގައި ސަލާމަތީ ބާރުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާ އެއްބާރުލުން މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ.

ރައީސް ޞާލިހު ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައިވެސް މުހިއްމު ތާރީޚީ އަދި ޝަޢުގުވެރި ކަންތައްތަކެއް ފެނިގެންދިޔަ ރަސްމިއްޔާތަކެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ކުރީގެ ރައީސުންގެ ތެރެއިން، އަލްއުސްތާޒު މަޢުމޫން ޢަބްދުލްޤައްޔޫމާއި، މުޙައްމަދު ނަޝީދާއި، ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގަތެވެ.

ސިޔާސީގޮތުން ފިކުރު ތަފާތުވިޔަސް މި 3 ބޭފުޅުންގެ ފަރާތުންވެސް ފެނިގެންދިޔައީ އެކުވެރި މާހައުލެއްގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކާއި ސަލާމްކުރައްވާ ވާހަކަފުޅުދެއްކެވި މަންޒަރެވެ. ހަމައެހެންމެ ސިޔާސީ ލީޑަރުންގެ ގޮތުގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ގިނަ ޢަދަދެއްގެ ލީޑަރުންގެ ބައިވެރިވުންވެސް މި ރަސްމިއްޔާތުގައި ފެނިގެންގޮސްފައިވެއެވެ. ޓީވީ ޗެނަލްތައް މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ލައިވްކޮށް މި ރަސްމިއްޔާތު ބެލި ފަރާތްތަކަށް މިފަދަ މަންޒަރުތަކެއް ފެނިގެންދިއުން ވެގެންދާނީ ހަމަޤައިމުވެސް ރާއްޖޭގެ ސިޔާސީ ކުރިމަގާމެދު ރަނގަޅު ތަޞައްވުރެ އޮތްކަން ހާމަވެގެންދާނެކަމަކަށެވެ.