ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޤައުމެއްގެ އިސްވެރިޔަކާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާގުޅެގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންޑިއާ ކަނޑުގައި ސުލްޙަ މަސަލަސްކަން ޤާއިމްކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމާއި، ޓެރަރިޒަމާ ދެކޮޅަށް ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރެވިދާނެ ކަންކަމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މި ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އިންޑިއިން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ގެދޮރުވެރިކުރުވުމާއި، ރައްރަށުގައި ނަރުދަމާ ނިޒާމް ޤާއިމްކުރުންފަދަ ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ބޭނުންތަކާގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެމެހެއްޓނިވި ގޮތެއްގައި އިޖްތިމާއި އަދި އިޤްތިސާދީ ހަމަޖެހުން ރާއްޖެއަށް ގެނައުމަށް އިންޑިއާއިން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ދެ ޤައުމަށް ފައިދާވާނެގޮތަކަށް އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ ގޮތްތަކާއި، އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފަރާތްކަށް ވިސާ ހޯދުމުގައި ފަސޭހަ ގޮތެއްގައި ފަހިކޮށްދިނުމަށްވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކުރެއްވުމުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި މި ދަޢުވަތު ރައީސުލްޖުމްހޫރިއްޔާވަނީ ޤަބޫލުފުޅުކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.