ޚަބަރު

އަންނަ އަހަރު ޓެކްސްގެ ގޮތުގައި 16506 މިލިއަން ރުފިޔާ ލިބޭނެ - ބަޖެޓު 2019


2019 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ދައުލަތަށް 16506 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފިއެވެ. މިއީ ބަޖެޓުގައި ހިމަނާފައިވާ ޖުމްލަ ޢާމްދަނީއާއި ހިލޭ އެހީގެ %72 އެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާގޮތުން 2019 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 23040 މިލިއަން ރުފިޔާއެވެ. މީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ޢާމްދަނީއެވެ. އެއީ ޖުމްލަ 16506 މިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ޢާމްދަނީގެ ތެރެއިން އިންޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 3184 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރި ޢާމްދަނީއަށްވުރެ %10.7 އިތުރު ޢަދަދެކެވެ.

ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ބައިން ޖުމްލަ ގޮތެއްގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 3451.4 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރުގެ ނިޔަލަށް މިބައިން ލިބޭނެކަމަށް ލަފާކުރެވޭ ޢާމްދަނީއަށްވުރެ %1.9ގެ ކުރިއެރުމެކެވެ. މިބައިން އެންމެ ބޮޑު ޢާމްދަނީއެއް ޙިއްސާކުރަނީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ)އިންނެވެ. ބީޕީޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 2172 މިލިއަން ރުފިޔާއެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު %1.8ގެ ކުރިއެރުމެކެވެ. މީގެއިތުރުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި 674 މިލިއަން ރުފިޔާ އަދި ބެންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 567 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މުދަލާއި ޚިދުމަތުގެ ބައިން ނެގޭ ޓެކްސްގެ ގޮތުގައި 2019 ވަނަ އަހަރު ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 2998 މިލިއަން ރުފިޔާއެވެ. މިއީ މިއަހަރުގެ ނިޔަލަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ %9.4 އިތުރު ޢަދަދެކެވެ.

މީގެއިތުރުން 2019 ވަނަ އަހަރު ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީ 2018 ވަނަ އަހަރަށްވުރެ %7.7 އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ޖުމްލަ 5039.5 މިލިއަން ރުފިޔާއެވެ. އެއީ 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރާނެ ފަތުރުވެރިންނާއި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ ޢަދަދު އިތުރުވަނެކަމަށް ލަފާކުރެވޭތީ އަންދާޒާ ކޮށްފައިވާ މިންވަރެކެވެ.

އެހެނިހެން ޓެކްސް އަދި ޑިއުޓީގެ ގޮތުގައި ޖުމްލަ ގޮތެއްގައި ލިބޭ އާމްދަނީ 2018 ގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ %9.3 އިތުރުވާނެކަމަށް ވަނީ ބަޖެޓުގައި އަންދާޒާކޮށްފައެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ބެލެވިފައިވަނީ 893 މިލިއަން ރުފިޔާއެވެ. އަދި އެއަރޕޯޓުން ދޭ ޚިދުމަތުގެ ފީގެ ގޮތުގައި 706 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މަޖިލީހަށް ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، ޓެކްސް ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ޓެކްސް ޕޮލިސީ އެކަށައެޅުމަށް އަންނަ އަހަރު އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރު ފިނޭންސް މިނިސްޓްރީގައި ޓެކްސް ޕޮލިސީ ޔުނިޓެއް ޤާއިމްކުރެވިގެންދާނެކަމަށާއި، މި ޔުނިޓުގެ ބޭނުމަކީ ޓެކްސްގެ ޔުނިޓަށް ގެނައުމަށް ފާހަގަކުރެވިފައިވާ ޤާނޫނުތައް އިޤްތިޞާދަށް ކުރޭނެ އަސަރަށް ބެލުމަށްފަހު ތަންފީޒްކުރުންކަމަށެވެ.

2019 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ބައިން ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ހިމަނާފައިވަނީ 5481 މިލިއަން ރުފިޔާއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1053 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.