ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކުރި ޖަލު ހުކުމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސް ޔާމީންކަމަށް ވިދާޅުވެ ނާޒިމް ދެއްކެވި ވާހަކަފުޅު ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ދޮގުކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އުފުލި ދަޢުވާގެ މައްސަލަ ފުރިހަމައަށް ތަހުޤީގުކޮށް މިކަމުގައި ބައިވެރިވެފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް އެދޭކަމަށެވެ.
އަދިފުލުހުންގެ ތެރެއިން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދާއި ރައީސް ޢަބްދުﷲ ޔާމީން މިކަމުގައި ބައިވެރިވެފައިވާކަމަށާ މިކަމުގެ ފުރިހަމަ ޒިންމާ އެބޭފުޅުން ނަންގަވަން ޖެހޭނެކަމަށް ކާނަލް ނާޒިމް ވަނީ ވިދާޅުވެފައެވެ. މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ތަރުޖަމާނު އިބްރާހީމް މުޢާޒް އަލީ ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ހައްދަވާފައިވާ އިތުރުފުޅެއް ކަމަށެވެ.
މުޢާޒް ވިދާޅުވެފައިވަނީ ފުލުހުން ބަލާ ފާސްކުރަންޖެހޭ ތަނެއް ބަލާ ފާސްކުރުމުގައި އެއްވެސް ރައީސެއްގެ ފަރާތުން ހުއްދަހޯދަން އަންގާފައި ނުވާނެކަމަށާ ފާއިތުވި ފަސް އަހަރުތެރޭގައިވެސް އެފަދަ ކަމެއް ކޮށްފައި ނުވާނެކަމަށެވެ.
ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް އޭނާ ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ޖަލުހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި އަމުރެއް ނެރެފައެވެ.