ޚަބަރު

"ޖުމްހޫރީ 50"ގެ ނަމުގައި ކޮންމެ ފުލުހަކަށް ޚާއްޞަ މެޑައްޔެއް ދޭން ނިންމައިފި


ޖުމްހޫރީ 50 މުނާސަބަތުގައި ކޮންމެ ފުލުހަކަށް ޚާއްޞަ މެޑައްޔެއް ދިނުމަށް ނިންމާ، ޖުމްހޫރީ ފަންސާހުގެ މެޑަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގ ކޮންފަރެންސް ރޫމުގައި ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި މެޑަލް އިފްތިތާޙުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ.

ޖުމްހޫރީ 50 މެޑައްޔަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް ޤައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކުރި މެޑެއްޔެކެވެ. ”ޖުމްހޫރީ ފަންސާސް މެޑަލް”ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށްފަހު ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުންކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާގައި ދެމިތިބި ކޮންމެ ފުލުހަކަށްވެސް ޖުމްހޫރީ ފަންސާހުގެ މެޑަލް ދިނުމަށް ނިންމާފައިވެއެވެ. އަދި ފުލުހުންގެ “މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދިނުމާއި މަޤާމު ދަށްކުރުމާބެހޭ” ޤަވާއިދަށް އިސްލާޙު ގެނެސް ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

ޖުމްހޫރީ 50 ގެ މުނާސަބަތުގައި ކޮންމެ ފުލުހަކަށް ޙާއްޞަ މެޑައްޔެއް ދިނުމަށް ނިންމާފައިވާއިރު، މިނިވަން 50 ގެ މުނާސަބަތުގައި 2015 ވަނަ އަހަރުގެ ޖުލައި 26 ގެ ނިޔަލަށް ޚިދުމަތުގައި ދެމިތިބި ކޮންމެ ފުލުހަކަށްވެސް ޚާއްޞަ މެޑައްޔެއް ދީފައިވެއެވެ.