ހއ ވަށަފަރުގަ ސަރުކާރުން ތަރައްޤީކުރަމުންދާ އާ އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދްމަތް ދޭން ތައްޔާރުވަމުންދާކަމަށް އެރަށު އިންޖީނުގެއިން ބުނެފިއެވެ.
އާ އިންޖީނުގޭގެ މަސައްކަތް ކުރިޔަށްދާ ގޮތް ޕީއެސްއެމް ނިއުސްއާއި ޙިއްސާ ކުރައްވަމުން، ވަށަފަރު އިންޖީނުގެއާ ޙަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޞަލާޙު ވިދާޅުވީ އިންޖީނުގޭގެ ޢިމާރާތުގެ މަސައްކަތް ނިމިފައިވާކަމަށާއި މިހާރު ކުރިޔަށްދަނީ އިންޖީނުތައް ސައުންޑް ޕްރޫފް ކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހޯދުމާއި، މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެއާ އާ އިންޖީނުގެ ގުޅުވުމަށްޓަކައި ބޭނުންވާ ޕަވަރ ކޭބަލް އެޅުމުގެ މަސައްކަތްކަމަށެވެ. އަދި މި މަސައްކަތައް ބޭނުންވާ ތަކެތި ލިބުނުހާ އަވަހަށް މަސައްކަތް ނިންމާ އިންޖީނުގެއިން ޙިދުމަތްދޭން ފަށާނެކަމުގެ ޔަޤީންކަން ޞަލާޙުދެއްވިއެވެ.
އާ އިންޖީނުގެއިން ޚިދްމަތްދޭން ބޭނުންވާ 60ކިލޯ ވޯލްޓާއި 80 ކިލޯ ވޯލްޓްގެ ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ނިމިފައިވާކަމަށްވެސް ޞަލާޙު ވިދާޅުވިއެވެ.
ހއ.ވަށަފަރުގައި ދިރިއުޅެމުންދާ ރައްޔިތުނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އެރަށުގައި މިހާރު ޚިދުމަތް ދެމުން އަންނަ އިންޖީނުގޭގެ މައްސަލައެވެ. ވަށަފަރުގައި މިހާރު ބޭނުން ކުރަމުން އަންނަ އިންޖީނުގެއަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ޤާއިމުކޮށްފައިވާ ރައްޔިތުންގެ އިންޖީނުގެއެއްކަމަށާއި މިހާރު މުޅި ރަށަށް ޙިދުމަތް ދެމުން އަންނަނީ 160 ކިލޯ ވޯލްޓް އަދި 200 ކިލޯވޯލްޓް ގެ ދެ ޖަނަރޭޓަރުންކަމަށް އިންޖީނުގެއާ ޙަވާލުވެހުންނެވި އެސިސްޓެންޓް މެނޭޖަރ މުޙައްމަދު ޞަލާޙު ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެ ހުންނަނީ ރަށުގެ ރައްޔިތުން ދިރިއުޅޭ ޞަރަޙައްދުގައެވެ. އެހެންކަމުން އިންޖީނުތަކުގެ އަޑުގަދަވުމާއި އިންޖީނުގެއިން ބޭރުވާ ދުމުގެ އަސަރު ކައިރީގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރަމުންދާކަމުގެ ޝަކުވާތައް ލިބޭކަމަށް ޞަލާޙު ވިދާޅުވިއެވެ.
މި މައްސަލަތައް ހައްލު ކުރުމަށްޓަކައި ސަރުކާރުން ވަނީ ރަށުގެ ރައްޔިތުންނަށް އުނދޫ ނުވާފަދަގޮތަށް ރަށުގެ ރައްޔިތުން ދިރިއުޅެމުންދާ ޞަރަޙައްދާ ދުރުގައި އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެތަނުގެ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ފެނަކައާއި ޙަވާލުކުރައްވާފައެވެ. އާ އިންޖީނުގެއިން ޙިދުމަތްދޭން ފެށުމާއެކު ވަށަފަރުގެ ރައްޔިތުނަށް މިހާރު ދިމާވެފައިވާ މައްސަލަތަކައް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޢިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ހއ ވަށަފަރު މަދަރުސާއާއި އާ އިންޖީނުގޭގައި ވަނީ ސޯލަރ ޕެނަލްތައްވެސް ހަރުކުރެވިފައެވެ.