ޚަބަރު

ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫޢަކުރުމުން އެމެރިކާއަށް ތުރުކީގެ ފާޑުކިޔުން


އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމުގެ ރައްޔިތުންނަށް އަދަބު ދިނުމަކީ ނުރައްކާތެރި ކަމެއްކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މެވްލުޓް ޗާވްޝޮގްލޯ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަލުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ އަންކަރާގައި ދެއްވި ބަޔާނެއްގައި ޗާވްޝޮގްލޯ ވިދާޅުވީ އެމެރިކާ އީރާނާ ދެކޮޅަށް ގެންގުޅެނީ ހަރުކަށި ސިޔާސަތެއް ކަމަށާއި އެއީ އީރާނުގެ އިތުރުން ސަރަހައްދަށްވެސް ނުރައްކާތެރި ސިޔާސަތެއް ކަމަށެވެ.

އީރާނަކީ ސަރަހައްދުގެ މުހިއްމު އަދި ބޮޑު ޤައުމެއްގެ ގޮތުގައި ސިފަކުރައްވަމުން ޗާވްޝޮގްލޯ ވަނީ، އީރާން އެކަހެރިކޮށް އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އަނިޔާވެރި ކަމެއްކަމަށް ސިފަކުރައްވާފައެވެ. އީރާނުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަރުކަށިކަމުގެ ކުރިމަތީގައި އީރާންގެ ރައްޔިތުން އަމާން ނުދޭނެ ކަމަށް ބުނެފައެވެ.

އަދި ޓްރަމްޕް އެޅުއްވި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި އެވެންޖެލިކަލް ފނަސާރާ ޖަމާއަތްތައް އަޑީގައި ތިބެގެން އިސްރާއީލުގެ މަސްލަހަތަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް އީރާނުގެ ރަސްމީ މީޑީޔާއިންވަނީ ތުހުމަތުކޮށްފައެވެ.