ޚަބަރު

ރާޖަޕަކްސަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ތައްޔާރުވަނީ


ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އައްޔަންކޮށްފައިވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޤާމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީ ކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ ޔޫއެންޕީން ބުނީ، ރާޖަޕަކްސަގެ މައްޗަށް ނަގާ އިތުބާރުނެތްކަމުގެ ވޯޓު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، އެކަމަށް ޔޫއެންޕީގެ މެންބަރުންގެ އިތުރުން ރަނިލްއަށް ތާއީދުކުރާ އެހެން މެންބަރުންގެ ވޯޓުވެސް ލިބޭނެކަމަށެވެ.

ރާޖަޕަކްސަގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ މައްސަލަ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް ވައްދާފައި މިވަނީ އޭނާ އެކުލަވާލެއްވި ކެބިނެޓަށް ރުހުންއޮތްތޯ ބެލުމަށް ޤާނޫނު ހަދާ މަޖިލީހުގައި ނަގަންޖެހޭ ވޯޓުވެސް ނެގުމުގެ ކުރިންނެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ޔޫއެންޕީ ތަމްސީލުކުރާ މެންބަރެއްކަމަށްވާ ލަކްޝްމަން ކިރިއެއްލާ ވިދާޅުވީ، ރައީސް މައިތުރިޕަލަ ސިރިސޭނާ ބޮޑުވަޒީރުކަމުން ދުރުކޮށް ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އައްޔަންކުރައްވާފައިވަނީ ސްރީލަންކާގެ ގާނޫނު އަސާސީ އާ ޚިލާފަށްކަމަށެވެ.

ގާނޫނު އަސާސީގެ 46 މާއްދާއާއި 48 ވަނަ މާއްދާ ބުނާގޮތުން، ބޮޑުވަޒީރުގެ މަގާމު ހުސްވާނީ ބޮޑުވަޒީރުގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގައިގެން ނުވަތަ ބޮޑުވަޒީރު އަވަހާރަވެގެން ނޫނީ މަގާމުން އިސްތިއުފާދެއްވުން ފަދަ ކަމެއް ދިމާވެގެން ކަމަށް ކަމަށާއި، އެފަދަ ޙާލަތެއް ރަނިލްއަށް ދިމާވެފައިނުވާކަމަށް ކިރިއެއްލާ ވިދާޅުވިއެވެ.

އަދި ބޮޑުވަޒީރުކަމުގައި ބޭފުޅަކަށް ހުންނެވޭނީވެސް ބޮޑުވަޒީރަށާއި އޭނާގެ ސަރުކާރަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތުން ރުހުން ލިބިގެންކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް ކިރިއެއްލާ ވިދާޅުވިއެވެ.