ޚަބަރު

މޯލްޑިވް ގޭހުން %99 ސާފު އޮކްސިޖަން ފޯރުކޮށްދޭން ފަށައިފި


މޯލްޑިވް ގޭހުން %99 ސާފު އޮކްސިޖަން އުފައްދާ ޕްލާންޓެއް ބަހައްޓައި ޚިދުމަތް ދޭން ފަށައިފިއެވެ.
އޮކްސިޖަން ގޭހަކީ ސިއްޙީ ފަރުވާގެ ބޭނުންތަކަށާއި، ސިނާއީ ބޭނުންތަކަށް ޚާއްސަކޮށްގެން ބޭނުންކުރާ ގޭހެކެވެ.

މޯލްޑިވް ގޭހުން ބުނެފައިވަނީ އެ ކުންފުނިން މިހާރު އުފައްދާ އޮކްސިޖަން ގޭހަކީ %95 ސާފު އޮކްސިޖަންކަމަށެވެ. ސިއްޙީ ކަންކަމާއި، އިންޑަސްޓްރިއަލް ބޭނުންތަކަށް ފޯރުކޮށްދޭ އޮކްސިޖަން ގޭސް، ރާއްޖޭގައި ފޯރުކޮށްދެމުންދާ ހަމައެކަނި ކުންފުންޏަކީ މޯލްޑިވްސް ގޭހެވެ. %99 ސާފު އޮސިޖަން އުފެއްދުމަށްޓަކައި ތިލަފުށީގައި ބެހެއްޓި އޮކްސިޖަން ޕްލާންޓް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ޝިފާންއާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަޢުމޫނެވެ.

ޕްލާންޓް ހުޅުއްވައިދެއްވައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މަޢުމޫން ވިދާޅުވީ މިއީ އެކުންފުނިން ޙާސިލްކުރި މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. އެގޮތުން މީގެކުރިން ބޮޑެތި ޚަރަދުކޮށްގެން ރާއްޖެއިން ބޭރުން މިގޭސް ރާއްޖެ އެތެރެކުރަމުން އައިނަމަވެސް މި ޕްލާންޓާއެކު، ރާއްޖެއިން ބޭރުން އެއްވެސް ޚަރަދެއް ނުކޮށް ރާއްޖޭގައި މިގޭސް އުފެއްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިއީ ރަނގަޅު ފެށުމެއްކަމަށާއި، މިކަމުގެ ސަބަބުން އެހެން ޤައުމުތަކަށް ބަރޯސާނުވެ، އަމިއްލަ ޤައުމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކުންފުނިން ވަރަށް ބޮޑަށް ބަލަން ކަސްޓަމަރުންގެ ޝަކުވާތައް. އެގޮތުން އޮކްސިޖަލް ގޭސް ބޭނުންކުރާ ފަރާތްތަކުން ޝަކުވާ އާދޭ އޮކްސިޖަން ގޭހުގެ ނިސްބަތް ނުވަތަ ސާފުކަން ކުޑަވާތީ. ނަމަވެސް %99 ސާފު އޮކްސިޖަން އުފައްދާ ޕްލާންޓާއެކު ބޮޑު ކުރިއެރުމެއް މިލިބުނީ"

އަބްދުﷲ މަޢުމޫން ވިދާޅުވިއެވެ.

މޯލްޑިވް ގޭހުން ގެންދަނީ އޭޑީކޭ ފިޔަވައި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ އޮކްސިޖަން ގޭސް ފޯރުކޮސްދެމުން.