ޚަބަރު

ރައީސް ނަޝީދު މިނިވަންކުރުމާ ގުޅޭ ޤަރާރެއް މަޖިލީހަށް ހުށަހަޅައިފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސާޅީސް ނުވަ މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް މި ޤަރާރު ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲއެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅުއްވުމަށްފަހު، މަޖިލިސް އިދާރާގެ ބޭރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އީވާ ޢަބްދުﷲ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ޝަރީޢަތަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ކުރިއަށްގެންދިޔަ ޝަރީޢަތެއް ނޫންކަން ބައިނަލްއަޤްވާމީ ދުނިޔެއިންވެސް ފާހަގަކޮށްފައިވާކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް އެފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުންދިޔަނަމަވެސް މިހާތަނަށް އެކަން ސަރުކާރުން ކޮށްފައިނުވާކަމަށެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަކީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއާއި، ޔުނައިޓެޓް ނޭޝަންސް ވޯކިންގ ގްރޫޕް އޮން އާރބިޓަރީ ޑިޓެންޝަނުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޤަރާރެއްކަން އީވާ ފާހަގަކުރެއްވިއެވެ. އީވާ ވިދާޅުވީ، މިފަދަ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާތިލުކޮށް، އެމަނިކުފާނު މިހާރުންމިހާރަށް މިނިވަންކުރުމަށް ޝަރުޢީ ދާއިރާއަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވުން ކަމަށެވެ.

"އަޅުގަނޑުމެން ޤަރާރު ހުށަހެޅި މައިގަނޑުގޮތެއްގައި ހދ.ގެ ހިއުމަން ރައިޓްސް ކޮމެޓީއާއި، އދ.ގެ ވޯކިންގ ގްރޫޕް އޮން އާރބިޓަރީ ޑިޓެންޝަނުން ރައީސް ނަޝީދު ވަގުތުން ވަގުތަށް މިނިވަންކުރުމަށް ގޮވާލާފައިވާ ގޮވާލުން ތަންފީޒުކުރުމަށް ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް އިލްތިމާސްކުރުމަށް. އަޅުގަނޑުމެން ބޭނުންވީ ރައްޔިތުން މަޖިލީހުގެ ބަހަކާއެކު ރައީސް ނަޝީދު މިނިވަންކުރުމަށް ޢަދުލުއިންސާފުގެ ނިޒާމަށް ގޮވާލަން. އަޅުގަނޑުމެން މިބަލަނީ ވަރަށްއަވަހަށް އެ ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްވެގެންދާނެކަމަށް."

އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

އީވާ ޢަބްދުﷲ ވިދާޅުވީ، ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުންގެ އަޑު އުފުލައި ރައްޔިތުންނާ ގުޅުންހުރި މުހިއްމު ކަންކަމުގައި ވަކާލާތު ކުރާ މައި ތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށް ވީނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި އެކަން އެންމެ ފުރިހަމަގޮތުގައި ކުރެވިފައިނުވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑުއަހާ، ބަސްވިކޭ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި މިއީ ފެށުމެއްކަމަށާއި، ކުރިއަށް އޮތްތާގައި މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރަން ބޭނުންވަނީ މި ވިސްނުމުގެ ތެރެއިންކަން އީވާ ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކީގައި ތެދުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަކީ އަޑު އަހާވަރުގެ، ރައްޔިތުންގެ ބަސް އުފުލޭވަރުގެ ތަނަކަށް އަޅުގަނޑުމެންނަށް ހެދިދާނެ. މިއީ ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި ރައްޔިތުން މަޖިލީހުގެ ބާރު އަލުން އަނބުރާ ގެނައުމަށް މިއީ ސިޔާސީ ބަސްބުނާ މަރުކަޒުކަމުގައި ހަދާ، މިއީ ބަސްވިކޭ އަދި ހައްޤު ބަސްބުނާ މަޖިލީހަކަށް ހަދަން އަޅުގަނޑުމެން އަނެއްކާވެސް ތެދުވަންވެއްޖެ."

އީވާ ޢަބްދުﷲ ވިދާޅުވިއެވެ.

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ޤަރާރެއް ވައްދާފައިވާއިރު، އަންނަ ނޮވެމްބަރުމަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އިދިކޮޅު ފަރާތްތަކުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމާއި ގުޅިގެން 2015 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ޖަލުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު، ނަޝީދު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއްދަވައިގެން އެޤައުމުގައެވެ.