ދިރާގުން ރާއްޖެއަށް އައިފޯން އެކްްސް.އެސް އާއި އެކްސް.އެސް.މެކްސް ރަސްމީކޮށް ތަޢާރަފުކޮށް ވިއްކަން ފަށައިފިއެވެ.
މިކަމަށްޓަކައި ދިރާގުގެ ހެޑް އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތުގައި، ވަނީ މި ފޯނަށް ޕްރި އޯޑަރ ކުރި ފަރާތްތަކަށް ފޯނު ހަވާލުކުރުންވެސް ކުރިއަށްގެންގޮސްފައެވެ.
ދިރާގުގެ ޑިވައިސް މެނޭޖަރ އަޙްމަދު އިޝާން ވިދާޅުވީ މާލެއާއި ހުޅުމާލެއިން ޕްރީ އޯޑަރކުރި ފަރާތްތަކަށް މިއަދު މެންދުރުފަހު 2:30ން 6:00 އާ ހަމައަށް ފޯނު ދޫކުރަމުން ދާނެކަމަށެވެ. އަދި މާލެއިން ބޭރުން އޯޑަރ ކުރި ފަރާތްތަކަށްވެސް ފޯނުތައް ފަސޭހައިން ލިބޭނެގޮތް ހެދުމުގެ ގޮތުން ރަށްރަށުގައި ހުންނަ ދިރާގުގެ ސަރވިސް ސެންޓަރ ތަކުންވެސް ފޯނު ލިބޭނެގޮތް ހަމަޖައްސާފައިވާނެކަމަށެވެ.
އިޝާން ވިދާޅުވީ އައިފޯނުގެ އެންމެ ފަހުގެ މޮޑެލް ގަތުމަށް ބޭނުންވާ ފަރާތްތަކަށް، މިމަހުގެ 12 ވަނަ ދުވަހު ޕްރީ އޯޑަރ ކުރަން ހުޅުވާލުމުން 24 ގަޑިއިރުގެ ތެރޭގައި ޕްރީ އޯޑަރ ސްޓޮކް ހުސްވެފައިވާކަމަށެވެ.
ދިރާގުން އައިފޯނުގެ އެންމެ ފަހުގެ މޮޑެލް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ފޯނަށް ޕްރީ އޯޑަރކުރި ގިނަ އަދަދެއްގެ ބަޔަކު ފޯނު ހޯދުމަށް ކިއުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.
ދިރާގުން ވަނީ އައިފޯން އެކްްސް.އެސް އާއި އެކްސް.އެސް.މެކްސްގެ ތިން ކުލައެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. އައިފޯންގެ މި މޮޑެލްތަކަކީ އެކުންފުނިން މިހާތަނަށް ނެރުނު އެންމެ މެމޮރީ ސައިޒް ބޮޑު ފޯނުތަކެވެ. އެގޮތުން މި ފޯނުތަކުގެ ތެރޭގައި ހިމެނެނީ 64 ޖީބީއާއި، 256 ޖީބީ އާއި 512 ޖީބީގެ ފޯނުތަކެވެ ހިމެނެއެވެ. އަދި ކުރިގެ ފޯނުތަކާ ޚިލާފަށް މި ފޯނުތަކުގައި ހޯމް ބަޓަނެއްވެސް ހިމަނާފަައެއް ނުވެއެވެ. އަދި ފޯން އަންލޮކްކުރުމަށްވެސް އެއްވެސް ފިތެއް ބޭނުންކުރަން ނުޖެހޭއިރު، ކުރިން ނެރުނު އައިފޯނުގެ ފަހުގެ މޮޑެލްތަކެކޭ އެއްގޮތަށް މި ފޯނުގައިވެސް ފޭސް ރެކޮގްނައިޒިން ފީޗަރ ޤާއިމްކޮށްފައިވެއެވެ.
އައިފޯން އެކްްސް.އެސް އާއި އެކްސް.އެސް.މެކްސް އަށް ބަލާލާއިރު މި ދެ މޮޑެލްގެ ފޯނުގައިވެސް 12 މެގަޕިކްސެލްގެ ޕޯޓްރެއިޓް ކެމެރާއަކާއި ފްރޮންޓް ކެމެރާއެއް ހުރެއެވެ. އަދި އައިފޯން އެކްސް.އެސް.މެކްސް އަކީ މިހާތަނަށް ނެރުނު އެންމެ ޑިސްޕްލޭ ބޮޑު އައިފޯނެވެ. އެގޮތުން މި ފޯނުގެ ޑިސްޕްލޭގައި 6.5 ހުރެއެވެ.