ޚަބަރު

ރިޔާސީ އިންތިޚާބުގެ މައްސަލަ: މާދަމާ ފަހު އަޑުއެހުން، ހެކިން ބަލައިގަތުމާއި ގުޅޭގޮތުންވެސް ގޮތެއް ނިންމާނެ


ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ސިއްރު ހެކިންނާއި މެދު ގޮތެއް ނިންމެވުމާއި އެ މައްސަލާއިގެ އަޑުއެހުންތައް މާދަމާ ނިންމާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ 2 ވަނަ އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އިޖުރާއަތްތަކާއި ގުޅޭގޮތުން މާދަމާ އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށެވެ. މާދަމާ ސިއްރު ހެކިންނާއި މެދު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއިރު މިއަދު ހެނދުނު ފެށި ޝަރީޢަތް މެންދުރުފަހު މެދުކަނޑުއްވާލައްވަމުން އިޖުރާޢީ ނުކުތާތަކަށް ގޮތެއް ނިންމަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ފަހުން ޝަރީޢަތް ފެށިފަހުން އެކަމާއި މެދު ގޮތެއް ނިންމާފައެއްނުވެއެވެ.

މި މައްސަލާގައި މިއަދު ވާހަކަދައްކަވަމުން މައްސަލަ ހުށަހެޅުއްވި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގެ ސައްޙަ ކަމާއި މެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރީ ވޯޓު ކަރުދާސް ޗާޕް ކުރުމަށް ހަވާލުކުރި އެމްސެވަންއާ އެ ކަރުދާސް ޗާޕް ކުރުމަށް ހަވާލުކޮށްފައިވާ މައްސަލައެވެ. އެގޮތުން އެމްސެވަންގެ 50 އިންސައްތަ ހިއްސާއަކީ އިންތިޚާބާއި ސީދާ ގޮތުން ގުޅިފައިވާ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އައްބާސް އިތުރަށް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކުރުމަށް ހުޅުވާލި ބިޑުގައި ނޮވެލްޓީ ޕްރިންޓަރސްގެ ފަރާތުން ބިޑު ހުށަހެޅި ކަމަށެވެ. އަދި ހަމައެއާއެކު އެމްސެވަންއަށް ވުރެ ގިނަ ސެކިއުރިޓީ ފީޗާސްތައް ނޮވެލްޓީން ހިމަނާފައިވާ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. އެ ހުރިހާ ކަމެއް އެގޮތަށް ހުރެވެސް އެމްސެވަން އަށް އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރަން ދިނީ ކީއްވެގެންތޯ އައްބާސް ސުވާލު ކުރެއްވިއެވެ.

އައްބާސްގެ އެ ސުވާލަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ފިނޭންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް ޢަބްދުﷲ ޔާމީން ޢައްޔަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕް ކުރުމަށް އެމްސެވަންއަށް ޙަވާލުކުރީ ފިނޭންސް މިނިސްޓަރުގެ ހުއްދައާއިއެކު ކަމަށެވެ. އެމްސެވަންއަށް ވޯޓު ކަރުދާސް ޗާޕް ކުރަން ދިން މައްސަލާގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އައްބާސް ވަނީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރަން ބިޑަށް ހުޅުވާލި ހިސާބުން ފެށިގެން އެކަން ހިނގާދިޔަ ހުރިހާ މަޢުލޫމާތެއް ހޯދައި ދިނުމަށް ފަނޑިޔާރުންގެ ބެންޗުގައި އެދިވަޑައިގެންފައެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެގެންނާއި ޝަރީފް ފައިސާ ދެއްވައިގެން ބޭރު ޤައުމަކަށް އަނގޮޓިތަކެއް ގެނައުމަށް މީހަކު ފޮނުވާފައިވާ ކަމަށެވެ. އަދި އެ މީހާ އެކަން ކުރި ކަމާއި ވޯޓުލީ ދުވަހު އެ އަނގޮޓިތައް ބޭނުން ކުރި ކަމަށްބުނެ ހެކިބަސް ދޭނެ ކަމަށް ބުނެފައިވާ މީހުންގެ ބަޔާންތައް މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

އައްބާސް ވިދާޅުވީ އެ ތިން މީހުންގެ ހެކިބަސް ނަގަން ބޭނުން ވަނީ ސިއްރު ހެކީންގެ ގޮތުގައި ކަމަށެވެ. އައްބާސް އެފަދައިން ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުން އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ސިއްރު ހެކިންގެ ގޮތުގައި އެ ތިން މީހުން ހުށަހަޅަން ބޭނުންވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އައްބާސް ވިދާޅުވީ މުޖުތަމަޢުގެ ޙާލަތު ހުރި ގޮތުން އެ ތިން މީހުންގެ ފުރާނައަށް ނުރައްކާވެދާނެތީ ސިއްރު ހެކިންގެ ގޮތުގައި އެ ތިން މީހުން ހާޒިރުކުރަން ބޭނުންވަނީ ކަމަށެވެ.

ރިޔާސީ އިންތިޚާބަށް ތައްޔާރުކުރި ވޯޓު ކަރުދާސްތައް ބަހައްޓާފައި ހުރި ތަނަކީ ސެކިއުރިޓީ ވަރުގަދަ ތަނެއް ނޫން ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވުމުން އިއްޔެގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އެތަނަކީ ސައުވީސް ގަޑިއިރު ފުލުހުން ފޯރިމަރަމުންދާ ތަނެއް ކަމަށާއި އެތަނަށް ވަންނަ މީހުން ލޮގް ކުރާ ކަމަށް އިލެކްޝަންގެ ވަކީލް ޝަމީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ލޮގް ޝަރީޢަތަށް ޙަވާލު ކުރާނެ ކަމަށެވެ. މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އިލެކްޝަނުން ޝަރީޢަތަށް ހުށަހެޅި ވޯޓު ކަރުދާސްތައް ހުންނަ ތަނުގެ ލޮގަށް އިޝާރާތްކޮށް އައްބާސް ވިދާޅުވީ ވޯޓު ކަރުދާސްތައް ހުންނަ ތަނަށް 39 މީހަކު 197 ފަހަރަކު ވަދެފައިވާކަން ލޮގުން އެނގޭ ކަމަށެވެ. އަދި އެހާ ގިނައިން އެތަނަށް ވަންނަން ޖެހުނީ ކީއްވެގެންތޯ އައްބާސް ވަނީ އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އިލެކްޝަނުން ބުނީ އެތަނަށް ވަދެފައި ވާނީ 40 މުވައްޒަފުން ކަމަށެވެ. އިލެކްޝަންގެ ޤާނޫނީ ވަކީލް ޝަމީމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވި ފަރާތުން އެގޮތަށް ސުވާލު އުފައްދަވާފައި ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށްދާ ގޮތް ރަނގަޅަށް އެނގިވަޑައިނުގަންނަވާ ހުރެ ކަމަށް ކަމަށެވެ.

އިންތިޚާބާ ގުޅޭ މައްސަލައިގެ ފަހު އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައެވެ. މިއަދުގެ އަޑުއެހުމަށްވެސް ޕީޕީއެމްއާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިތުރުން ޢާންމު ބައެއް މީހުން ހާޒިރުވިއެވެ.