ކުންފުންޏެއްގެ ސީއީއޯގެ މަޤާމުގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް "ސީއީއޯ ޑޭ" ގެ ނަމުގައި ޙާއްޞަ ޕްރޮގުރާމެއް އެޗްއާރު މޯލްޑިވްސްއިން ތަޢާރަފުކޮށްފިއެވެ. މި ޕްރޮގުރާމް ތަޢާރަފުކޮށްފައިވަނީ "އެޗްއާރު އެވޯޑްސް" ދިނުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
"އެޗްއާރު އެވޯޑްސް" ދިނުމަށް ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި "ސީއީއޯ ޑޭ" ޕްރޮގުރާމް އިފްތިތާޙޫކޮށްދެއްވީ މޯލްޑިވްސް ގެޓަވޭސްގެ ޑައިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ ޙުސައިން ސަނީ އުމަރެވެ.
މި ޕްރޮގުރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތުދެއްވަމުން އެޗްއާރު މޯލްޑިވްސްގެ ބޯޑް އޮފް އެޑްވައިޒަރީ އިބްރާހިމް ފަޔާޒު ވިދާޅުވީ، މިއީ ކޮލެޖް ނިންމައި މަސައްކަތުގެ މާޙައުލަށް ނިކުންނަ ކުދިންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާނެކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގުރާމެއްކަމަށެވެ. މި ޕްރޮގުރާމުގެ ތެރެއިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ސީއީއޯގެ މަޤާމުގައި އެއްދުވަހު މަސައްކަތް ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދެވާނެކަމަށް ފަޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދޭނީ ފުރުޞަތެއް ރާއްޖޭގެ ހަމަ ވަން އޮފް ދަ ބެސްޓް އޮގަނައިޒޭޝަން ނުވަތަ ކުންފުނި ނޫނިއްޔާމުން ކޮންމެސް މެނޭޖްމަންޓަކާއިއެއްކޮށް އަޑޭ ސްޕެންޑް ކުރަން ސީއީއޯ އަކާއިއެކު ނޫނިއްޔާ ޖެނެރަލް މެނޭޖަރަކާއިއެއްކޮށް. އެކުދިންނަށް ލިބިގެންދާނެ އަސްލު ކުންފުންޏެއްގެ ސީއީއޯއެއް ނޫނިއްޔާ ޖެނެރަލް މެނޭޖަރއެއްގެ ރެސްޕޮންސިބިލިޓީއަކީ ކޮބައިކަމާ، ކިހާވަރެއްގެ ޕްރެޝަރއެއްކަމާއި އެކުދިން ފިއުޗަރގައި ލީޑަރއަކަށް ވަންޏާމު ދޭންޖެހޭނީ. އެކުދިންގެ ޕޮޓެންޝިއަލްއަކީ ކިހާވަރެއްކަން އެކުދިންނަށްވެސް އެނގިގެންދާނެ." އިބްރާހިމް ފަޔާޒް ވިދާޅުވިއެވެ.
މި ޕްރޮގުރާމަށް ހޮވޭ ކުދިންނަކީ ކުންފުންޏެއްގެ ސީއީއޯއެއްގެ މަޤާމު އަދާކުރެވޭ ފެންވަރުގެ ކުއްޖެއްތޯ ކަށަވަރު ކުރެވޭނީ 4 މަލުޙަލާއެއްގެ ތެރެއިންކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން ހުށައަޅާ ކުދިން ފިލްޓަރ ކުރުމަށްފަހު ވޯރކްޝޮޕެއް ބާއްވައި ވޯރކްޝޮޕުން ރަނގަޅު ކުދިން ހޮވާނެކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެއެވެ.
ޕްރޮގުރާމަށް ހޮވޭ ކުއްޖެއްގެ ޝަރުޠުތަކުގެ ތެރޭގައި އެންމެ ދަށްވެގެން ޑިގްރީ ސެޓްފިކެޓެއް އޮތުމާއި މީގެކުރިން ވަޒީފާއެއް އަދާކޮށްފައިވާ ކުއްޖަކަށް ނުވުން ހިމެނެއެވެ. "ސީއީއޯ ޑޭ" ޕްރޮގުރާމަށް ކުރިމަތިލެވޭ ޝަރުޠުތަކާއި ފޯމު ހުށައަޅަންޖެހޭ ގޮތުގެ ތަފުޞީލު ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެކަމަށް އެޗްއާރު މޯލްޑިވްސްއިން ބުނެއެވެ.
މިއީ މުސްތަޤްބަލުގައި ލީޑަރުންގެ ގޮތުގައި މަސައްކަތްކުރަން ބޭނުންވާ ކުދިންނަށް ރަނގަޅު ފުރުޞަތެއްކަމަށް ޕްރޮގުރާމް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ. މިއީ މިފަދަ ޕްރޮގުރާމެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެޗްއާރު މޯލްޑިވްސްއިން ބުނީ މި ޕްރޮގުރާމް ކުރިއަށްގެންދަނީ ކެނެޑާގައި މީގެ ޕްރޮގުރާމްތައް ކުރިއަށްގެންދާގޮތް އަޞްލަކަށް ބަލައިގެންކަމަށެވެ.