ސެޕްޓެންބަރުމަހު މީރާއިން 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މި ޢަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ %25.9 އިތުރު ޢަދަދެކެވެ.
2017 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު ޢާމްދަނީއަށްވުރެ މި އަހަރު ލިބުނު ޢާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓު، ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވެފައިވުންކަމަށް މީރާގެ ތަފާސްހިސާބުތައް ދައްކައެވެ.
ސެޕްޓެންބަރުމަހު އެ އޮތޯރިޓީއަށް ބަލައިގަތް ޢާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %39.9 ނުވަތަ 507.83 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %25.7 ނުވަތަ 326.77 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލޭންޑް އެކުއިސިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 82.36 މިލިއަން ރުފިޔާ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 63.12 މިލިއަން ރުފިޔާ (%5.0)، އެއަރޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި 61.10 މިލިއަން ރުފިޔާ (%4.8) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 231.18 މިލިއަން ރުފިޔާ )%18.2) ހިމެނެއެވެ. ސެޕްޓެންބަރު މަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 59.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.