ޚަބަރު

ނަޝީދާއި ދެކޮޅަށް ކުރި ޓްވީޓް ޤާސިމް ރީޓްވީޓު ކުރި މައްސަލަ ހޫނުވެއްޖެ


ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ރައްދުވާ ގޮތަށް ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަޙުމީ ކުރެއްވި ޓުވީޓެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ރީޓްވީޓު ކުރެއްވުމާއި ގުޅިގެން އެމްޑީޕީއާ ރައީސް ނަޝީދަށް ތާޢީދު ކުރާ ފަރާތްތަކުގެ ފާޑުކިއުންތައް ޤާސިމަށް ރައްދުވާން ފަށައިފިއެވެ.

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވާ އަލްޙާން ފަޙްމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. އަދި ވެރިކަން ލިބުމުން ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށްވެސް އަލްޙާންގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަލްޙާން ވިދާޅުވީ އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.

އަލްޙާން ފަޙްމީ މިފަދައިން ޓްވީޓު ކުރުމާއިއެކު ޤާސިމް އިބްރާޙީމް ވަނީ އަލްޙާންގެ އެ ޓްވީޓު ގިނަ ވަގުތުތަކެއް ނުވަނީސް ރިޓްވީޓު ކުރައްވާފައެވެ. އަދި އެވަގުތުން ފެށިގެން ޤާސިމް އިބްރާޙީމަށް ފާޑުކިއުންތައް އަންނަނީ އަމާޒުވަމުންނެވެ.

ޤާސިމް އިބްރާޙީމަށް ނުރުހުން ފާޅުކުރަމުން އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނެފައިވަނީ މިދިޔަ މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުވުމުގެ އަސްލަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށެވެ. ބައެއް ސަޕޯޓަރުން މިފަދަ "ކޯޅުންބޮޑު" ކޯލިޝަނެއްގައި ހުރެވެން ނެތް ކަމަށް ބުނެފައިވާއިރު އެމްޑީޕީގެ އިސް ސަފުގައި ޙަރަކާތްތެރިވާ މަޖިލިސް މެންބަރުންވެސް އަންނަނީ ޤާސިމް އިބްރާހީމަށް ފާޑު ވިދާޅުވަމުންނެވެ.

އިދިކޮޅު ސިޔާސީ ލީޑަރެއްގެ ނަން ހާމަނުކުރައްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖެއްސުން ކުރުމުގެ ޢަމަލުތަކުން ސިޔާސީ ލީޑަރުން ދުރުވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ލީޑަރުން ވިސްނަންޖެހޭ ކަމަކީ އިންތިޚާބެއްގައި މިހާރު ވާދަކުރަން ނިކުތަސް ރައީސް ނަޝީދާއި ވާދަކޮށް ފަސް ޕަސެންޓުވެސް ސިޔާސީ ލީޑަރުންނަށް ނުލިބޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުވަސްތަކަކަށްފަހު ބަޔަކު ކުރި ބުރަ މަސައްކަތް މިހާ ހިސާބަށް ގެނެސްދިން ގުޅިފައިވާ ސިޔާސީ ޕާޓީ ބަދަހި ގުޅުން ހީނަރުވާ ޒާތުގެ ކަންކަން ނުކުރެއްވުމަށް ޤާސިމް އިބްރާޙީމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ނިމުމާއިއެކު ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން ރާއްޖެ ވަޑައިގެންފައިވާއިރު ސިޔާސީ ލީޑަރުން އެއް މޭޒެއް ދޮށުގައި ތިބި މަންޒަރެއް އަދި ފެނިފައެއްނުވެއެވެ. ނަމަވެސް ވަކިވަކިން ހުރިހާ ބޭފުޅުންވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އަލްޙާން ފަޙްމީގެ ޓްވީޓު ރިޓްވީޓު ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ނަޝީދާއި އެމްޑީޕީއަށް ތާޢީދު ކުރާ ފަރާތްތަކުން ޤާސިމް އިބްރާހީމަށް ފާޑު ކިޔަމުން އަންނައިރު ޤާސިމް ވަނީ އެމަނިކުފާނު އެ ޓްވީޓް ރިޓްވީޓު ކުރެއްވީ ކީއްވެގެންކަން ބަޔާން ކުރައްވާފައެވެ.

އެގޮތުން ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލްޙާން ފަހްމީގެ ޓްވީޓު ރީޓުވީޓު ކުރެއްވީ އަލްޙާން ދެއްކެވީ ރަނގަޅު ވާހަކައަކަށް ވާތީ ކަމަށެވެ. އެގޮތުން އަލްޙާން ވިދާޅުވި ބަސްފުޅަކީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކައެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހޫނެވެފައިވާ މި މައްސަލައާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީންވެސް އެއްވެސް އެއްޗެއް ރަސްމީކޮށް މިހާތަނަށް ބުނެފައެއްނުވެއެވެ. ރާއްޖެ ވަޑައިގަތުމަށްފަހު ޤާސިމް އިބްރާޙީމް ވަނީ އިދިކޮޅު ކޯލިޝަން ބަދަހިކޮށް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވެ އަލްޙާން ފަހްމީ ޓްވީޓު ކުރެއްވިއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ވަނީ ދާދިފަހުން ބުނެފައެވެ.