ޚަބަރު

ޢީދު ބައިބަލާ: ނޮކްއައުޓް ބުރަށް ޓީމުތައް ދަތުރުކޮށްފި


ޢީދު ބައިބަލާ ޗެލެންޖު 1447ގެ ކުއާޓަރ ފައިނަލްގެ ޓީމުތައް ޔަގީންވެއްޖެއެވެ. ޑަބަލް އެލިމިނޭޝަން އުސޫލުން މިފަހަރުގެ މުބާރާތް ކުރިއަށްދާއިރު މުބާރާތުގެ ކުޓަރ ފައިނަލާއި ހިސާބުން ކުޅެވިގެންދާނީ ނޮކްއައުޓް އުސޫލަށެވެ.

އެއްބަލި ވެފައިވާ ޓީމުތަކުގެ ފަޅީގެ އެންމެ ފަހު މެޗުތައް ރޭ ކުޅެވުނު އިރު ރޭ ކުއާޓަރ ފައިނަލަށް ދަތުރުކުރި ޓީމުތައް ބައްދަލުކުރަން ޖެހޭނީ މޮޅު ވަމުން އަންނަ ޓީމު ތަކުގެ ފަޅިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމުތަކާއެވެ.

ރޭކުޅެވުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ކްލަބް އޯވަންވޯ ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުޑަހެންވޭރު ޔުނައިޓެޑް އާއި ބައްދަލުކުރި މިމެޗު އޯވަންއޯ ކާމިޔާބުކުރީ ގަދަ ހިފުމަށްގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން އޯވަންއޯ ކާމިޔާބުކުރީ 4-8 އަކުންނެވެ. ދެވަނަ ގޭމް ބޭރުން ކުޅެގެން ކުޑަހެންވޭރު ޔުނައިޓެޑުން ގެންދިޔައީ 6-4 އިންނެވެ. ގަދަ ހިފުމުގެ ފުރަތަމަ 4 ހިފުން އެއްވަރު ވުމުން އޯވަންއޯ މެޗު ކާމިޔާބުކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރައިގެންނެވެ.

ކުއާޓަރ ފައިނަލްގެ 6 ވަނަ ޖާގަ 2 ގޭމުން ވީއެންޓީ ސްޕޯޓްސް ކްލަބް ބަލިކޮށް ޔަގީން ކުރީ ކްލަބް ކާސިންޖީއެވެ.

މެޗުގެ ފުރަތަމަ ގޭމް ބޭރުން އަރައިގެން ކްލަބް ކާސިންޖީ ކާމިޔާބުކުރީ 5-6 އަކުންނެވެ. ދެވަނަ ގޭމް އެތެރެއިން ކުޅެގެން ކާސިންޖީ ގެންދިޔައީ 11-7 އަކުންނެވެ.

ރޭގެ 3 ވަނަ މެޗުގައި ފެނިގެންދިޔައީ މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ވާދަކުރި 2 ޓީމުގެ ކުރިމަތިލުމެކެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ މައްޗަށް ކުރި ހޯދާ ކްލަބް ޒެފްރޯލް ވަނީ މުބާރާތުގެ ނޮކްއައުޓްބުރުން ޖާގަ ހޯދާފައެވެ. ޒެފްރޯލް މެޗު ކާމިޔާބުކުރީ 2 ގޭމުންނެވެ.

ފުރަތަމަ ގޭމް ބޭރުން ކުޅެގެން ޒެފްރޯލްއިން ނަތީޖާ އަނބުރާލީ 11-7 އަކުންނެވެ. އަދި ދެވަނަ ގޭމް އެތެރެއިން ކުޅެގެން މެޗު ގެންދިޔައީ 8-11 އިންނެވެ.

ރޭ ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ކްލަބް ލޮރެންޒޯވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. ޓީސީ ފްރިޓަރނިޓީ އާއި ބައްދަލުކުރި މިމެޗު ލޮރެންޒޯ ކާމިޔާބުކުރީ 2 ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމް އެތެރެއިން ކުޅެގެން ލޮރެންޒޯ ގެންދިޔައީ 14-7 އަކުންނެވެ.

ދެވަނަ ގޭމް ބޭރުން އަރާ ލޮރެންޒޯއިން ގެންދިޔައީ 6-6 އަކުން ނަތީޖާ އެއްވަރުވުމުން މެޗު ކާމިޔާބުނުކުރެވޭނެކަން ޔަގީންވެ ޓީސީއިން މެޗު ދޫކޮށްލުމުންނެވެ.

މުބާރާތުގެ ކުއާޓަރ ފައިނަލް 4 މެޗާއި ސެމީފައިނަލް 2 މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާއި ކްލަބް އޯވަންއޯއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒެޕޯ ސްޕޯޓްސް ކްލަބާއި ކްލަބް ކާސިންޖީއެެވެ. 3 ވަނަ ކުއާޓަރގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ޒެފްރޯލެވެ. އަދި ކުއާޓަރގެ ފަހު މެޗުގައި ދަ ވުލްވްސް ކްލަބް ނިކުންނާނީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.