އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހުއްދައާއެކު މާލޭގެ ރަށްވެހިންނަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ 2 ވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމުގެ ހުއްދަ އޭސީސީ އިން ހައުސިން މިނިސްޓްރީއަށް މިހާރު ދީފައިވާކަމަށެވެ. އެހެންކަމުން މިއަދު ހަވީރު 16:30 އިން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ޕޮއިންޓް ލިބޭ ހުރިހާ ފަރާތެއްގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށެވެ. އަދި މި ގުރުއަތުގައި ނެގޭ 400 ފަރާތުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ، އެއްވެސް ފަރާތެއްގެ ނަމެއް އުނިވެއްޖެނަމަ، އެ ލިސްޓަށް އިތުރު ކުރުމަށްޓަކައި ރިޒަރވް ކުރުމަށް 100 މީހެއްގެ ނަންވެސް އިތުރަށް ގުރުއަތުން ނެގެނޭނެކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރުމަށް ނިންމަވާފައިވަނީ، އަކަފޫޓެއް 400 ރުފިޔާގެ މަގުންނެވެ. އެގޮތުން ކޮންމެ ގޯއްޗެއްގެ އަގަކީ ހަތަރު ލައްކަ ރުފިޔާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުމާއި، ކައިވެންޏެއް ކޮށްފައިވާ މީހަކަށްވުމާއި، މާލޭގެ ރައްވެއްސަކަށް ވުން ނުވަތަ މާލޭގެ ދަފްތަރުގައިވާ މީހަކަށްވުން ހިމެނެއެވެ.
މިއީ މާލޭގެ ރައްޔިތުންގެ ތެރެއިން ކުޑަ ޖާގައިގައި ދަތިކޮށް އުޅޭ ރައްޔިތުންނަށް އުއްމީދުތަކެއް ގެނެސްދޭނެ މަޝްރޫޢުއަކަށްވާއިރު، މި މަޝްރޫޢުގައި ހައުސިން މިނިސްޓްރީގެ ދައުރަކީ ހަމައެކަނި ފްލެޓަށް ޝަރުތުހަމަވާ 400 މީހުން ހޯދުންކަމަށާއި، ދެންހުރި މަސައްކަތް ކުރާނީ އެޗްޑީސީންކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ހުޅުމާލެ ދެވަނަފިޔަވަހިން ދޫކުރާ 1000 އަކަފޫޓްގެ ބިމުގައި 3 ކޮޓަރިއާއި 4 ކޮޓަރީގެ އެޕާޓްމަންޓްތަކާއި، އުސް އިމަރާތްތައް ބިނާކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މި ގޯތިތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމްގެ އިތުރުން ބައިބަޔަށް ބަހާލައިގެންވެސް ފައިސާ ދެއްކޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.