ޚަބަރު

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތައް ގެޒެޓްކުރަން ފަށައިފި


ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ އެންމެބިޔަ ހައުސިން މަޝްރޫޢު "ހިޔާ"ގެ ދަށުން ފުލެޓަށްއެދި ފޯމު ހުށަހެޅި މީހުންގެތެރެއިން ފްލެޓްލިބޭ މީހުންގެ ލިސްޓުތައް އިއުލާންކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުން ހިންގާ ގެދޮރުވެރި ކުރުމުގެ މަޝްރޫޢުއަށް ޖުމްލަ ބާވީސް ހާސް ހަސަތޭކަ މީހުން ފޯމު ހުށަހެޅިކަމަށެވެ. މީގެތެރެއިން ބައެއް ކެޓަގަރީން ފުލެޓް ލިބުނު މީހުންގެ ނަންތައް މިހާރު ގެޒެޓް ކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކުގެ ކެޓަގަރީއާއި، މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރުގައި ހިމެނޭ މީހުންނާއި، ޓީޗަރުންނާއި ނަރުހުންނަށް ހުޅުވާލި ފުލެޓްކަށް ފޯމުލީ މީހުންގެ ތެރެއިން ފުލެޓް ލިބޭ މީހުންގެ ނަންތައް މިހާރު ގެޒެޓް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިތުރު ކެޓަގަރީތަކުންވެސް ފުލެޓް ލިބޭ މީހުންގެ މަޢުލޫމާތު ގެޒެޓް ކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ފްލެޓުލިބުނު މީހުންނާއެކު އެމިނިސްޓްރީން އެޗްޑީސީ މެދުވެރިކޮށް އެގްރީމެންޓް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށްފަށާނެކަމަށާ، އެ އެގްރީމެންޓްތަކަކީ ސައްޙަ ޤާނޫނީ އެގްރީމެންޓްތަކަކަށް ވާއިރު، ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސްކަމެއް މިކަމުގައި ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފުލެޓް ލިބޭމީހުންގެ ނަންތައް އިއުލާންކުރަނީ ހުރިހާ ފޯމުތަކެއްވެސް އިވެލުއޭޓް ކުރުމަށްފަހުކަމަށެވެ. އަދި ފުލެޓް ދިނުމުގައި އެންމެ އިސްކަމެއްދީފައިވާނީ މިނިސްޓްރީގެ ޓީމްތައް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހުގައިކަމަށެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީގެ އިތުރުން ޓީޗަރުންގެ ކެޓަގަރީއަށް ހުށައެޅި ފުލެޓްތަކުގެ ޢަދަދަށްވުރެ މަދު ބަޔަކު ފޯމުލާފައިވާތީ މި ކެޓަގަރީތަކުން ފޯމުހުށަހެޅި އެންމެންނަށްވެސް ފުލެޓް ލިބޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ހައުސިން މިނިސްޓްރީން ހިޔާ ފެލެޓްތައް 10 ކެޓަގަރީއަކުން ފުރުސަތު ހުޅުވާލާފައިވާއިރު އެންމެ ގިނައިން ފޯމުލާފައިވަނީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކެޓަގަރީންނެވެ. މި ކެޓަގަރީއަށް 1000 ފުލެޓް ހުޅުވާލިއިރު ޖުމްލަ ނުވަހާސް ނަވާރަ މީހުން ވަނީ ފޯމުލާފައެވެ.