ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާއާއި، ޢިމާރާތްކުރުމުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ދޭ އެވޯޑެއްކަމަށްވާ "ސިޓީސްކޭޕް އެވޯޑްސް 2018" ގެ އެންމެ މޮޅު މާސްޓަރޕްލޭން އެވޯޑު ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަށް ލިބިއްޖެއެވެ.
ރިއަލް އެސްޓޭޓްގެ ދާއިރާއިންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމަށްވާ "ސިޓީސްކޭޕް އެވޯޑްސް 2018"ގެ ފައިނަލިސްޓުންގެ ތެރެއިން އެވޯޑުތައް ހާސިލުކުރި ފަރާތްތައް އިޢުލާންކޮށްފައިވަނީ އެކަމަށްޓަކާ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެވޯޑަށް ހުޅުމާލޭ ނޮމިނޭޓްވެފައިވަނީ "މާސްޓަރޕްލޭން ޕްރޮޖެކްޓް އެވޯޑް"ގެ ކެޓަގަރީންނެވެ. މި ކެޓެގަރީއަށް ޖުމްލަ 5 ފަރާތެއް ނޮމިނޭޓްވެފައިވާއިރު، ހުޅުމާލޭގެ އިތުރުން ދެން ނޮމިނޭޓްވެފައިވަނީ މުޅިންވެސް ޔޫ.އޭ.އީއަށް ނިސްބަތްވާ ކުންފުނިތަކެވެ. ޒުވާނުންގެ ސިޓީގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރާ ހުޅުމާލެއަކީ ރާއްޖޭގައި ނިސްބަތުން އެންމެގިނަ ރިއަލްއެސްޓޭޓް އަދި ކޮންސްޓްރަކްޝަން މަޝްރޫޢުތައް މިވަގުތު ކުރިއަށްދާ ސަރަޙައްދެވެ. ހުޅުމާލެ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ ވަރަށްވެސް އުއްމީދީ މަޝްރޫޢެއްގެ ގޮތުގައި ސިޓީސްކޭޕް އެވޯޑްސްއިން ސިފަކޮށްފައިވެއެވެ.
އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ސްމާޓް ސިޓީއެއްގެގޮތުގައި ހުޅުމާލެ ތަރައްޤީވަމުންދާއިރު، ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ނަމުގައިވެސް ސަރުކާރުން އަންނަނީ މެގަރ ޕްރޮޖެކްޓެއް ހިންގަމުންނެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް ސަރުކާރުން އެކުލާވާލާފައިވާ މާސްޓަރޕްލޭނަށް ތަފާތު އިންވެސްޓްމަންޓް ފޯރަމްތަކާއި، ޓްރޭޑް ޝޯވތަކުގައި ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ލިބި، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުގުވެރިކަން އެފަރާތްތަކުން ފާޅުކުރަމުންދެއެވެ.
"ސިޓީސްކޭޕް އެވޯޑްސް 2018" އަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުނިތަކަށް އަމާޒުކޮށްގެން ބޮޑެތި އެގްޒިބިޝަންތަކާއި، ކޮންފަރެންސްތައް ބޭއްވުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދުބާއީގެ މަޝްހޫރު ނެޓްވޯކެއްކަމަށްވާ ސިޓީސްކޭޕް ގްލޯބަލްއިން ދެމުން އަންނަ އެވޯޑެކެވެ. ޓްރޭޑް ޝޯވއެއްގޮތަށް ކުރިއަށްގެންދާ މި އެވޯޑަކީ ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުނިތަކުގެ އިތުރުން ސަރަޙައްދީ، އަދި ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި، ޑިވެލޮޕަރުންނާއި، އާކިޓެކްޗަރުންނާއި، ޑިޒައިންނަރުންގެ އިތުރުން ސަރުކާރު ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކަށް ހުޅުވާލެވިގެން ދެމުންދާ އެވޯޑެކެވެ.
"ސިޓީސްކޭޕް އެވޯޑްސް 2018" ގެ 15 ވަނަ އެޑިޝަންގައި ތަފާތު 14 ދާއިރާއަކުން އެވޯޑުދީފައިވެއެވެ.