ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް އިންޤިލާބެއް ގެނެސްދިން ދިވެހިކުންފުނި ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ދިރާގުގެ 30 އަހަރުދުވަހުގެ ޤައުމީ ޚިދުމަތަކީ އެތައްގޮތަކުން ފާހަގަކޮށްލަންޖެހޭ ޚިދުމަތެކެވެ. ވޭތުވެދިޔަ 30 އަހަރުދުވަހުގެ މުއްދަތުގައި ދިރާގުން ވަނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަވާޅިއަށް އިންޤިލާބެއް ގެސްފައެވެ.
ދިރާގަކީ ރާއްޖޭގެ އެންމެ ފުރަތަމަ މުވާސަލާތީ ޙިދުމަތް ފޯރުކޮށްދޭންފެށި ކުންފުންޏެވެ. ރަސްމީ ގޮތުން ދިރާގުގެ ޙިދުމަތްދޭންފެށީ 1988 ގައެވެ. ދިރާގުގެ %52 ހިއްސާއަކީ ބީޓީސީ އައިލެންޑްސް ލިމިޓެޑްގެ ހިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ %41.8 ހިއްސާއޮތްއިރު ބާކީ %6.2 ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާއެވެ.
ޙިދުމަތުގެ 30 އަހަރު ދިރާގުން ފާހަގަކުރާއިރު، ފާއިތުވި 30 އަހަރުދުވަހުގެ ތެރޭގައި ދިރާގުން ވަނީ ކުންފުނީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ.
އެކުންފުނީގެ ފުރަތަމަ 10 އަހަރުދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއް ފޯނުގެ ޚިދުމަތުން ގުޅާލަން ކަނޑައެޅި ލަނޑުދަނޑި ހާސިލްވުމަކީ، ދިވެހިންގެ ޢާންމު ދިރިއުޅުމަށް އެކުންފުނިން ގެނެސްދިން ބޮޑު އިންގިލާބެކެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ޤައުމަކަށް މުވާސަލާތީ ޚިދުމަތް ދިނުމަށް ޤާއިމުރަންޖެހޭ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ދިރާގުންވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީކުޑަ ރަށްތަކަށްވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ޤާއިމުކޮށްފައެވެ.
ދިރާގުންވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 1253 ކިލޯމީޓަރ ގެ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލަކުން ގުޅައިދީފައިއެވެ. މިއީ މި ގޮތަށް ރާއްޖޭގައި ފުރަތަމަ އެޅި ކޭބަލްވެސް މެއެވެ. މި ކޭބަލްގެ ސަބަބުން ހައި ސްޕީޑް މުވާސަލާތުގެ އެތައް ކަމެއް މުޅިރާއްޖެއަށް މަގުފަހިވެ ރާއްޖޭގެ އިޤްތިސާދީ ދުވެއްޔަށް ހަލުވިކަމެއް ގެނެސްދިނެވެ.
ރާއްޖޭގައި މީހުންއުޅޭ ހުރިހާރަށަކަށް 3ޖީ މޯބައިލް ބްރޯޑް ބޭންޑް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް 2015 ގައި ނިންމާލުމަށްފަހު މިއަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް 4ޖީގެ ޚިދުމަތް ދިރާގުން ވަނީ ތައާރަފްކޮށްފައެވެ. މިއީ މި ވަގުތު ރާއްޖެއިން ލިބެން ހުރި އެންމެއަވަސް މޮބައިލް އިންޓަނެޓެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް މޮބައިލް ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ދިރާގުން ހާސިލްކުރީ 2008 ވަނައަހަރުއެވެ. ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީވެސް ދިރާގުންނެވެ.
ޒަމާނަށް އަންނަމުން އައި ބަދަލާއެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުންއައި ޚިދުމަތްތައްވެސް ދިޔައީ ޒަމާނާއެއްގޮތަށް ފަރުމާވެގެންނެވެ. އެގޮތުން ދިރާގު ޓީވީ، ދިރާގު "ޕޭ" އަދި "މަމެން" ފަދަ ޚިދުމަތްތައް ހިމެނެއެވެ.
"ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރާއި، އޮރެންޖު ކުލައިގެ އައު ބްރޭންޑިންގ އާއެކު މިހާރު ދިރާގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ތައްޔާރަށް އޮތް ޒަމާނީ ޑިޖިޓަލް ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައިކަމަށް ދިރާގުންބުނެއެވެ. އައު ބްރޭންޑިންގއާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މިޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.
ދިރާގުގެ 30ވަނަ އަހަރީ ދުވަހާ ގުޅިގެން ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ދިވާޅުވީ ދިރާގުގެ މި 30 އަހަރުގެ ދިގު ޚިދުމަތުގައި، ކަސްޓަމަރުންނާއި ޕާރޓްނަރުން ކުރައްވާ އިތުބާރަށް ޝުކުރު އަދާކުރައްވާކަމަށެވެ. ދިރާގުގެ މި 30 އަހަރުގެ ކާމިޔާބީގެ ފަހަތުގައި ވަނީ ދިރާގުގެ ހީވާގި އަދި މަސައްކަތްތެރި މުވައްޒަފުންކަމަށާއި، ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޚިދުމަތެއް ފޯރުކޮށދިނުމުގައި އަބަދުވެސް ދެމިއޮތުންކަން އޭނާ ފާހަގަކުރެއްވިއެވެ.