ޚަބަރު

ކިޑްސް ސޭވަރ އެކައުންޓުގެ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި


ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓުގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި އެކައުންޓް ހުޅުވާ، އެ އެކައުންޓުން މާސްޓަރ ކާޑުގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށައެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކިޑްސް ސޭވަރ އެކައުންޓަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ތައާރަފް ކުރި ފުރަތަމަ ބޭންކް އެކައުންޓެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށްކަމަށް އެ ބޭންކުން ބުނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން އަށާރަ އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ބީއެމްއެލް ކިޑްސް ސޭވަރ އެކައުންޓާއެކު މި ކާޑު ލިބިގެންދާނެއެވެ.

މިކާޑަކީ ބޭނުން އަދަދެއް ޖަމާކުރެވޭނެ ކާޑެކެވެ. މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކިޑްސް ސޭވަރ އެކައުންޓް ނިސްބަތްވާ ކުއްޖާގެ ނަމުގައެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 15,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު 3 ފަރާތަކަށް 5,000 ރުފިޔާ ލިބިގެންދާނެކަމަށް ބޭންކުން ބުނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުންވެސް ހުޅުވޭއިރު އެކައުންޓްގައި މަދުވެގެން 100 ރުފިޔާ ނުވަތަ 10 ޑޮލަރު ބަހައްޓަންޖެހެއެވެ.

ކިޑްސް ސޭވަރ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވެސް ލިބޭނެއެވެ. މި ގޮތަށް ޖަމާކުރާއިރު އެއްވެސް ޗާޖެއް ނުނަގާނެއެވެ. އަދި މީގެ އިތުރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ތަފްސީލްތައް ބަލާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކިޑްސް ސޭވަރ އެކައުންޓް ފަރުމާކުރެވިފައިވަނީ ދިގު މުއްދަތެއްގެ ތެރެއިން ކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާކުރާ ފައިސާ، އެ ކުދިންނަށް 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ. މި ގޮތުން މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނުގެ އިކުއިޓީގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. އަދި ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދެއްކުރުމަށްޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތުވެސް ބެލެނިވެރިޔާއަށް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.