އިންތިޚާބީ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދަޢުވަތު އަރުވައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިންތިޚާބީ ރައީސްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާރިރާގެ މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އެކަން ހާމަކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރަށް ރާއްޖެވަޑައިގަތުމުގެ ދަޢުވަތުއަރުވާފައިވާއިރު، މިދިޔަ އާދިއްތަ ދުވަހުބޭއްވި ރިޔާސީ އިންތިޚާބު އިބްރާހިމް މުހައްމަދު ޞާލިޙު ކާމިޔާބުކުރެއްވުމާ ގުޅިގެން އެންމެ ފުރަތަމަ މަރުޙަބާ ވިދާޅުވި ޤައުމުގެތަކުގެ ލީޑަރުންގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވައެވެ. އަދި އަވަސް މުސްތަޤްބަލެއްގައި އިންޑިއާއަށް ވަޑައިގެން ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އިބްރާހީމް މުޙައްމަދު ސާލިހަށް މޯދީ ވަނީ ދައުވަތު އަރުވާފައެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ އިސް ވަފްދެއްވެސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި އެމަނިކުފާނަށް މަރުޙަބާ ކިޔާފައިވާކަން ހާމަކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި އިދިކޮޅު ކޯލިޝަންގެ ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. ހަމައެހެންމެ ސަރުކާރު ބަދަލުވުމުގެ ކަންކަން ވިހާވެސް އަމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ކަމާގުޅޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.