ޚަބަރު

ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ކޯޓުގައި ތަމްސީލުކުރާނީ ސީދާ އެފަރާތަކުން - ސުޕްރީމް ކޯޓު


ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށައަޅާ މައްސަލަތަކުގައި، އެ މުއައްސަސާއެއް ނުވަތަ އެ އިދާރާއެއް ތަމްސީލުކުރާނީ ސީދާ އެފަރާތަކުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ސުޕްރީމް ކޯޓުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ޢާއްމު ސިޓީއެއްގައެވެ.

މި ސިޓީގައި ބުނެފައިވަނީ ޤާނޫނު އަސާސީގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅާފައިވާ ކަންކަން ފިޔަވައި، އެހެން ކަންކަމުގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަނައިބު ކަމުގައި ޤާނޫނު އަސާސީގެ 133 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވީނަމަވެސް، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ޤާނޫނު އަސާސީއާއި، ޤާނޫނެއްގެ ދަށުން ލިބިފައިވާ ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކުން ޝަރުޢީ ކޯޓުތަކަށް ހުށައަޅާ މައްސަލަތަކުގައި، އެ މުއައްސަސާއެއް ނުވަތަ އެ އިދާރާއެއް ތަމްސީލުކުރާނީ ސީދާ އެފަރާތަކުންކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައާއި، އަދި އެފަދަ މުއައްސަސާތަކާއި، އިދާރާތަކަށް ދަޢުވާ ލިބޭގޮތަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ މަޞްލަޙަތެއް ނުވަތަ ޢާއްމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަނައިބަށް ފެނިއްޖެ ކޮންމެ މައްސަލައެއްގައި ކޯޓުގެ ހުއްދައަކާއެކު، އަދި ކޯޓުން އެދިއްޖެ ހިނދެއްގައި އެ މައްސަލައެއް ހިނގަމުންދާއިރު، ބާންޑާރަނައިބު ނުވަތަ އޭނާ ކަނޑައަޅާ މީހަކު ކޯޓަށް ޙާޟިރުވެ ވަކާލާތު ކުރެވިދާނެކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

މީގެ އިތުރުން އެފަދަ ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މަޞްލަޙަތެއް އޮތްކަމަށް މައްސަލަ ބަލާ ކޯޓަށް ފެންނަށް ޙާލަތުގައި، ބަންޑާރަނައިބުގެ ފަރާތުން ދައުލަތް ތަމްސީލުކުރުމުގެ ފުރުޞަތު ދިނުމުގެ އިޙްތިޔާރު އެ މައްސަލަ ބަލާ ކޯޓަކަށް ލިބިގެންވާކަމަށްވެސް ސުޕްރީމް ކޯޓުން ނެރެފައިވާ ޢާއްމު ސިޓީގައި ބުނެފައިވެއެވެ.

މި ޢާންމު ސިޓީއަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން މިފަދަ މައްސަލަތަކުގައި ދައުލަތް ތަމްސީލްކުރާނީ ބަންޑާރަނައިބުކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ނެރެފައިވާ ޢާންމު ސިޓީ ވަނީ ބާޠިލްކޮށްފައެވެ.