ޚަބަރު

އެއަރޕޯޓުން މާލެއަށް ފެރީތައް ފުރާ ސަރަޙައްދަށް ބަދަލުގެނެސް، ވޯޓަރ ފްރަންޓް ރެސްޓޯރެންޓު އާއްމުންނަށް ހުޅުވާލައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއަށް ފެރީތައް ފުރާ ސަރަޙައްދަށް ބަދަލުގެނެސް، ވޯޓަރ ފްރަންޓް ރެސްޓޯރެންޓު މިއަދު އާއްމުންނަށް ހުޅުވާލައިފިއެވެ.

އެމް.އޭ.ސީ.އެލުން ބުނީ، ވޯޓަރ ފްރަންޓް ރެސްޓޯރެންޓު އާއްމުންނަށް މިހާރު ހުޅުވާލާފައިވާއިރު، އެއަރޕޯޓުން މާލެއަށް ދަތުރުކުރާ އެކްސްޕްރެސް ފެރީއާއި، އާއްމު ފެރީތައްވެސް މިއަދުން ފެށިގެން ފުރުމަށް ހަމަޖެހިފައިވަނީ ވޯޓަރ ފްރަންޓް ރެސްޓޯރެންޓާއި އިންވެގެން ހަދާފައިވާ ޖެޓީތަކުން ކަމަށެވެ. އަދި މާލެއިން އެއަރޕޯޓަށް އަންނަ އެކްސްޕްރެސް ފެރީއާއި، އާއްމު ފެރީތައް ކައިރި ކުރާނީ މިހާރުވެސް ކައިރިކުރާ ސަރަޙައްދުކަމަށްވާ އިންޓަރނޭޝަނަލް ޓަރމިނަލް ކައިރިއަށް ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ އެއަރޕޯޓަށް އަރައި ފޭބުމުގައި ފަސިންޖަރުންނަށް ވިހާވެސް ލުއިފަސޭހަކޮށްދީ، އިންޓަރނޭޝަނަލް ޓަރމިނަލް ހިމެނޭ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފާސްޓް-ފުޑް ޗެއިންތަކުގެ އައުޓްލެޓްތަކާއެކު އެއަރޕޯޓުގައި ތަރައްޤީކޮށްފައިވާ ވޯޓަރ ފްރަންޓް ރެސްޓޯރެންޓަކީ 2 ބުރިއަށް ހަދާފައިވާ ތަނެކެވެ. އެގޮތުން މި އިމާރާތުގެ ތިރީބައި ޑިޒައިންކޮށްފައިވަނީ ވޯކްވޭއެއްގޮތަށް އާއްމުންނަށް ހިނގާބިގާވެ އުޅެވޭނެހެންނެވެ. އަދި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ފްރެންޗައިޒް އައުޓްލެޓްތަކަށެވެ. މަޝްހޫރު ބްރޭޑްތައް ކަމަށްވާ ކޭއެފްސީއާއި، ޕިއްޒާ ހަޓާއި، ކޮސްޓާ ކޮފީގެ އިތުރުން ހާރވެސްޓް މާކެޓްގެ އައުޓްލެޓްތައް މި ރެސްޓޯރެންޓްގައި ހުންނައިރު، މި ފުޑް ޗެއިންތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އިޓަލީވިލާތުގެ ކުންފުންޏެއްކަމަށްވާ އެޗް.އެމް.އެސް ހޯސްޓް އިންޓަރނޭޝަނަލާއެވެ.

އެޗް.އެމް.އެސް ހޯސްޓަކީ އެއަރޕޯޓްތަކުގައި ރެސްޓޯރަންޓްތައް ހިންގުމުގައި ކުރިއަރާފައިވާ އިޓަލީވިލާތުގެ އޮޓޯގްރިލް އެސް.ޕީ.އޭގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިކުންފުނިން މިހާރުވެސްދަނީ އޭޝިޔާއާއި ޔޫރަޕާއި މެދުއިރުމަތީގެ ގިނަ އެއަރޕޯޓްތަކުގައި ރެސްޓޯރަންޓްތައް ހިންގަމުންނެވެ. އެގޮތުން 120 ޤައުމެއްގައި އެކުންފުނިން ރެސްޓޯރަންޓްތައް ހިންގަމުންދެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލް ކުރިމަތީގައި ތަރައްޤީކޮށްފައިވާ މި ވޯޓަރ ފްރަންޓް ރެސްޓޯރެންޓްގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އިނޯކާ ޕްރައިވެޓް ލިމިޓެޑުންނެވެ. މި ރެސްޓޯރެންޓާއި އިންވެގެން ފެރީތަކަށް ލަފާ ފުރުމަށް ޙާއްސަ ފިންގަރ ޖެޓީތަކެއްވެސް އެއަރޕޯޓުގައި ވަނީ ހަދާފައެވެ.