ޚަބަރު

30 އަހަރަށް ފަހު އޭދަފުށިން ގޯތި ދޫކުރަން ނިންމައިފި


ތިރީސް އަހަރަށްފަހު ބ. އޭދަފުށިން ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭދަފުށީ ކައުންސިލް ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ އޭދަފުށިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ އެރަށުގެ އަލަށް ހިއްކާފައިވާ ސަރަޙައްދުން ކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ގޯތި ދޫކުރުމަށް ނިންމާފައިވަނީ
1400 އަކަފޫޓުގެ 80 ގޯއްޗެވެ.

ތޮލާލް ވިދާޅުވީ ގޯތި ދޫކުރުމުގެ ޗާޓާއި ގޯތި ދޫކުރުމަށް ކަނޑައަޅާ ސަރަހައްދު ހައުސިން މިނިސްޓްރީން އެ ކައުންސިލަށް ފޮނުވުމުން ގޯށްޗަށް އެދުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އޭދަފުށިން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ހައުސިން މިނިސްޓްރީގެ ޓީމެއް ރަށަށް ވަޑައިގެން ކައުންސިލް މެމްބަރުންނާއި އަދި ރަށުގެ ރައްޔިތުންނާއި ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ކަމަށެވެ.

އާބާދީގައި 3000 އެއްހާ ރައްޔިތުން ދިރިއުޅޭ އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1988 ވަނަ އަހަރު އެވެ. އޭދަފުށިން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ މިކަމަށް ރައްޔިތުން ވަރަށް ބޮޑަށް އެދެމުން ދަނިކޮށެވެ.

އޭދަފުށީގެ ބިމުގެ ދަތިކަން ބޮޑުވެ ގޯތި ދޫކުރާނެ ޖާގަ ނެތުމުން 2014 ވަނަ އަހަރު، ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އޭދަފުށިން ވަނީ 26 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އަދި މި ބިމުން 150 އަށްވުރެ ގިނަ ގޯތި ދޫކުރަން ލޭންޑް ޔޫސް ޕްލޭނުގައި ހިމަނާފައިވެ އެވެ.

އޭދަފުށިން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު އިތުރު ނުވަ ރަށަކުން ގޯތި ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. އެގޮތުން ބިމުގެ ދަތިކަން އެންމެ ބޮޑު ރަށްތައް ކަމަށްވާ ކ.މާފުށްޓާއި، ގދ ތިނަދޫއާއި އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ އާއި މީދޫ އާއި ފޭދޫންވެސް ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ހދ ކުޅުދުއްއްޓާއި އެއަތޮޅު ހަނިމާދޫ އާއި، ކ. ތުލުސްދޫ އާއި ހިއްމަފުއްޓާއި، ދ. އަތޮޅު މީދޫގެ އިތުރުން ލ ގަމުންވެސް ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ގޯއްޗަށް އެދޭ ފަރާތްތަކުގެ ޝަރުތުތައް ސަރުކާރުން ވަނީ ލުއިކޮށްފަ އެވެ. އެގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބޭ ގޮތަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އިޞްލާހުކޮށްފަ އެވެ.