ޚަބަރު

އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމަށް ޚާއްސަ ޙަރަކާތެއް ކުރިޔަށް ގެންގޮސްފި


އިންޓަނޭޝަނަލް ކޯސްޓަލް ކްލީނަޕް ޑޭ ފާހަގަކުރުމުގެ ގޮތުން ދިރާގާއި އެމްއޭސީއެލާއި ޕާލޭ މޯލްޑިވްސް ގެ މުވައްޒަފުން ހުޅުލޭ ހުޅަނގު ފަރާތް ސާފުކޮށް، 1.5 ޓަނުގެ ޕްލާސްޓިކް ކުނި ނަގައިފިއެވެ.

މިގޮތުން މިޙަރަކާތުގައި ހުޅުލޭ ހުޅަނގު ފަރާތުގެ ތޮއްޓާއި ގޮޑުދޮށުގެ 1200 މީޓަރަށްވުރެ ދިގު ސަރަޙައްދެއް ސާފުކޮށްފައިވާކަމަށް ދިރާގުން މަޢުލޫމާތުދެއެވެ. ދިރާގުން ބުނީ މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ މޫދަށް އުކާލެވޭ ޕްލާސްޓިކު ކުނި، ހަލާކުވެ ނެތިގެންނުގޮސް ހަރުލާފައި ހުންނަ ހުރުން، މިޙަރަކާތުގެ ބައިވެރިންނަށް ތަޖުތިބާ ކުރެވުނުކަމެއްކަމަށެވެ. އަދި މުވައްޒަފުން ގުޅިގެން އެސަރަހައްދު ސާފުކޮށް، ޕްލާސްޓިކް ކުނީގެ މައްސަލައިގެ ބޮޑުކަން ތަޞައްވަރު ކުރެވުނުކަމަށްވެސް އެފަރާތުން ބުންޏެވެ. މިހަރަކާތުގައި ނަގާފައިވާ ކުނި ކިރުމަށްފަހު ރީސައިކަލްކުރުމަށް ޕާލޭމޯލްޑިވްސްއާ ހަވާލުކޮށްފައިވާކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާއިލް ރަޝީދާއި އެމްއޭސީއެލް ގެ ޑެޕިއުޓީ ޗީޕް އޮފިސަރ މުހައްމަދު ނިޔާޒާއި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޝާހީނާ ޢަލީ ބައިވެރިވެވަޑައިގެންނެވި މިމިޙަރަކާތުގައި 200އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ސެންޗޫރިއަން، ޑައިވަރސް ލޮޖް، މޫދުބުޅާ، ޑައިވްޑެސްކް އަދި ޑައިވްސްކޫލްގެ ވޮލަންޓިއަރުންވެސް ވަނީ މިޙަރަކާތުގައި ބައިވެރިވެފައެވެ.

ދިރާގާއި އެމްއޭސީއެލާއި ޕާލޭ މޯލްޑިވްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގެ އެންމެ މުހިންމު މަޤުސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާ ޕްލާސްޓިކާމެދު ވިސްނައި މިފަދަ ޕްލާސްޓިކު ބޭނުން ކުރުން މަދުކުރުމަށް ފަރުދީގޮތުން މަސައްކަތްކުރުމަށް ހިތްވަރުދިނުމެވެ.