ޚަބަރު

ފެން ކުންފުނީގެ 20 އިންސައްތަ ޚިއްސާގެ އަގު 40 މިލިއަން ޑޮލަރަށް އަރައިފި- ފަޒުލް


އެމްޑީޕީގެ ވެރިކަމުގައި ސޯޅަ ޕޮއިންޓް ހަތަރެއް މިލިއަން ޑޮލަރަށް ވިއްކާލި ފެން ކުންފުނީގެ ހިއްސާގެ އަގު މިއަދު 40 މިލިއަން ޑޮލަރަށް އަރާކަމަށް އެމް.ޑަބްލިއު.އެސް.އީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

"އެންމެނަށް ހިޔާ ޔަޤީން" ނަމުގައި ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފަޒުލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވެރިކަމުގައި ކުންފުނިތަކަށާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި މިކަންތައްތައް ހައްލުވެގެންދިޔައީ ރައީސް ޔާމީނުގެ ވެރިކަމުގައިކަމަށެވެ.

ފަޒުލްގެ ވާހަކަފުޅުގައި އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި އެމްޑަބްލިއުއެސްއީގެ 20 އިންސައްތަ ހިއްސާ 16.4 މިލިއަން ރުފިޔާއަށް ވިއްކާލާފައިވާކަމަށާއި އެހެންނަމަވެސް މިހާރު އެ 20 އިންސައްތަ ހިއްސާގެ އަގު 40 މިލިއަން ޑޮލަރަށް އަރާކަމަށް ފަޒުލް ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުނިތަކުގެ ޤާބިލުކަން ހުރި މިންވަރުން ހިޔާ މަޝްރޫޢު ފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު މިއަދު ރައީސް ޔާމީން ހޯއްދަވައިދެއްވާފައިވާކަމަށެވެ. އަދި އެމް.ޑަބްލިޔު.އެސްއީން އެކަނިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 55 ޕްރޮޖެކްޓް ހިންގާފައިވާކަން ފަޒުލް ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި ނަރުދަމާ ނިޒާމު ޤާއިމްކުރުމާއި ކަރަންޓުގެ ވިއުގާ ހަރުދަނާކުރުމުން ފެށިގެން ސަރުކާރުން ކުންފުނިތަކަށް ގެނެސްދެއްވާ ތަރައްޤީއާއި ރައްޔިތުންނަށް ހޯއްދަވާދެއްވާފައިވާ ވަޒީފާގެ ފުރުސަތުތަކަށް ފަޒުލް ވަނީ އަލިއަޅުވާލާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމް ވަނީ އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި އެމްޓީސީސީއަށް ލިބުނު ބޮޑެތި ގެއްލުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

"އެންމެނަށް ހިޔާ ޔަޤީން" މި މަޝްރުޢުއާއެކު 25 ބުރީގެ ޖުމްލަ 62 ޓަވަރު ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރެވިގެންދާނެއެވެ. މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާ ފްލެޓްތަކާއި ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން އަޅާ ފްލެޓްތައް ހިމެނެއެވެ.