ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަށް އެއަރ އިންޑިއާގެ ފްލައިޓެއް އޮޅިގެން ޖައްސައިފިއެވެ. މިކަން ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެއަރޕޯޓުގެ އައު ރަންވޭއަށް ޖައްސާފައިވަނީ އިންޑިއާގެ ޤައުމީ އެއަރލައިން އެއަރ އިންޑިއާގެ A320 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ފްލައިޓް ޖައްސާފައިވަނީ އެއަރޕޯޓުގެ އައު ރަންވޭގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރަމުންދަނިކޮށްކަމަށާއި، މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެއަރޕޯޓު ހިންގާ ކުންފުނި އެމް.އޭ.ސީ.އެލުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ގުޅިގެން މިހާރު ބަލަމުންދާކަމަށްވެސް އެމް.އޭ.ސީ.އެލުން ބުނެއެވެ.
އެމް.އޭ.ސީ.އެލުން ބުނީ އައު ރަންވޭއަކީ އަދި އޮޕަރޭޝަނަށް ގެނައުމަށްޓަކާ ނަގަންޖެހޭ ހުއްދަތައް ނަގާފައިވާ ތަނެއްނޫންކަމަށާއި، ރަންވޭ އޮޕަރޭޝަނަށް ގެނައުމަށްޓަކާ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ކުރިއަށްދާކަމަށެވެ. އައު ރަންވޭގައި ތާރު އަޅާ ނިންމާ، ޓްރެފިކް ނިޝާންތައްވެސް ކުރަހާފައިވާއިރު، ފިއުލް ހައިޑްރެންޓް ސިސްޓަމްތައްވެސް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ. އަދި މިމަހުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަށް ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު އެމް.އޭ.ސީ.އެލުން އަންނަނީ ވަމުންނެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ހުޅުލޭގައި ތަރައްޤީކޮށްފައިވާ އައު ރަންވޭއަކީ ފަސިންޖަރުން އުފުލުމުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި އެއަރކްރާފްޓްތައް ކަމަށްވާ A380 ގެ މަތިންދާ ބޯޓަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ކޯޑް-އެފްގެ ފެންވަރުގައި ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ.