ޚަބަރު

ދިރާގު ރޯޑްރޭސް ނޮވެމްބަރ 2 ވަނަ ދުވަހު ބާއްވަން ނިންމައިފި


މިއަހަރުގެ ދިރާގު ރޯޑްރޭސް އަންނަ ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ. މިއީ ދިރާގު ރޯޑްރޭސް ބާއްވާ 12 ވަނަ އަހަރެވެ.

ދިރާގު ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ އެސިސްޓަންޓް މެނޭޖަރ، އެޑްވަޓައިޒިންގ އެންޑް އިވެންޓްސް، ޙަސަން ޝާރިހް ވިދާޅުވީ، ނޮވެންބަރ މަހުގެ 2 ވަނަ ދުވަހު މި ރޭސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 16 އިން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި ލިބެމުންދާ ތަރުހީބަށް ބަލައި މިއަހަރު 4000 މީހުންނަށް ދިރާގު ރޯޑްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނެކަމަށްވެސް ޝާރިޙް ވިދާޅުވިއެވެ.

"2 ނޮވެމްބަރ 2018 ވާ ހުކުރު ދުވަހު ދިރާގު މޯލްޑިވްސް ރޯޑްރޭސް މިއަހަރު އޮންނާނީ އިނގޭތޯ. ދުވުންތެރިންނަށް މުހިންމު އެހެން ޑޭޓްތަކަށް ބަލާލާއިރު އަޅުގަނޑުމެންގެ ރެޖިސްޓްރޭޝަން މިހުޅުވާލަނީ 16 ސެޕްޓެމްބަރ އިން ފެށިގެން 16 އޮކްޓޯބަރގެ ނިޔަލަށް. 72 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގަތަކެއް މިދިޔަ އަހަރު ވަނީ ފުރިފައި. އެހެންވީމަ އަޅުގަނޑުމެން މިއަހަރުވެސް އުންމީދު ކުރަނީ ވޭތުވެދިޔަ އަހަރުތަކުގައިވެސް އަޅުގަނޑުމެންނަށް ލިބުނު ވަރުގެ ތަރުހީބެއް މިފަހަރުވެސް ލިބޭނެކަމަށް ބަލާފަ އަޅުގަނޑުމެން 3000 އިން 4000 މިފަހަރު ދުވުންތެރިންގެ އަދަދު މިވަނީ އިތުރުކޮށްފަ" ޙަސަން ޝާރިހް ވިދާޅުވިއެވެ.

ދިރާގު ރޯޑްރޭސް ބާއްވާ ދުވަހުގެ ނިޔަލަށް އުމުރުން 7 އަހަރު ވެފައިވާ ކޮންމެ ކުއްޖަކަށްވެސް މިއަހަރުގެ ރޭހުގައި ބައިވެރިވެވޭނެކަމަށް ދިރާގުން ބުނެއެވެ. މިއަހަރުގެ ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މިއަހަރުގެ ރޯޑްރޭހުގައި 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ދުވުން ހިމެނޭއިރު ކޮންމެ ކެޓަގަރީއަކަށްވެސް ވަކި މެޑަލެއް ދޭނެކަމަށް ދިރާގުން ބުނެއެވެ. އަދި މެޑަލްގެ ޑިޒައިނަށްވެސް ދިރާގުން މިއަހަރު ވަނީ ބަދަލު ގެނެސްފައެވެ. 5 ކިލޯމީޓަރުގެ ދުވުމުގައި ބައިވެރިވެވޭނީ 7 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ދުވާނީ 10 ކިލޯމީޓަރަށެވެ.

ދިރާގުގެ މާކެޓިންގ އެންޑް ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ހަމީދު ވިދާޅުވީ، މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ދިރާގު ރޯޑްރޭހުގައި ޖަމްއިޔާތަކަށް ރަޖިސްޓަރ ކުރެވޭނެކަމަށެވެ. ބިޝާރާ ވިދާޅުވީ މިއަހަރުގެ ދިރާގު ރޯޑުރޭހުގެ ޝިއާރަކީ ކުޑަކުދިން ހިމާޔަތްކުރުންކަމަށާއި، އެހެންކަމުން ދިރާގުން ބާރުއަޅަނީ މިދާއިރާގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތަށް މިރޭހުގައި ބައިވެރިވުމަށްކަމަށެވެ.

"ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ މިއަހަރުގެވެސް ޝިއާރަކީ ކުޑަކުދިން ހިމާޔަތްކުރުން. އެހެންކަމުން އަޅުގަނޑުމެން އެންޖީއޯ ރެޖިސްޓްރޭޝަންތަކުގައި ބާރުއަޅަނީ ކުޑަކުދިން ހިމާޔަތްކުރުން މި ޝިއާރުގެ ދަށުން މިދާއިރާގައި އެކިގޮތްގޮތުން މަސައްކަތްކުރާ އެންޖީއޯސްތަށް މިރެހުގައި ބައިވެރިވުމަށް. އަޅުގަނޑުމެން މިއަދުން ފެށިގެން ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ ނިޔަލަށް އެންޖީއޯ އެޕްލިކޭޝަން ބަލައިގަންނާނަން." ބިޝާރާ ހަމީދު ވިދާޅުވިއެވެ.

މި އިވެންޓްގައި ބައިވެރިވާ ޖަމްޢިއްޔާތަކުން ރަޖިސްޓްރީކުރުމުން، ރޯޑްރޭހުގައި ދުވާ ކޮންމެ ދުވުންތެރިއަކަށްވެސް އެމީހެއްގެ ދުވުން ޚާއްސަކުރާނީ ކޮން ޖަމްޢިއްޔާއަކަށްކަން ކަނޑައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ދިރާގު ރޯޑްރޭހަކީ ދުޅަހެޔޮކަމާއި، އާއިލީ ގުޅުމާއި ރަހުމަތްތެރިކަން އާލާކުރުމުގެ މަޤުޞަދުގައި ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. މިއީ މި ހަރަކާތް ދިރާގުން ކުރިއަށްގެންދާ 12 ވަނަ އަހަރެވެ. ދިރާގު ރޯޑްރޭހުގައި ފުރަތަމަ އަހަރު ބައިވެރިވެފައިވަނީ 300 މީހުންނެވެ. ނަމަވެސް މިދިޔަ އަހަރު މިރޭހުގައި 3000 މީހުން ބައިވެރިވެފައިވާކަމަށް ދިރާގުން ބުނެއެވެ. މިއީ ދިރާގުން މުޖްތަމަޢަށް އެހީވުމަށް ބާއްވާ އެންމެ ބޮޑު ޙަރަކާތެވެ.