މާލެއާއި ހުޅުލެއާ ދެމެދު ތަރައްޤީ ކުރާ ސިނަމާލޭ ބްރިޖަށް ވަންނަ މައި ގޭޓް ހެދުމުގެ މަސައްކަތް ނިމުމަކާހަމައަށް ހިނގައްޖެއެވެ.
ސިނަމާލޭ ބްރިޖުގެ މައި ގޭޓް ފަރުމާ ކޮށްފައިވަނީ އިސްލާމްދީނާއި، ދިވެހިންގެ އެއްބައިވަންތަކަން ދައްކުވައިދޭ ފަދަ ގޮތަކަށެވެ. މި ގޭޓު ހަރުކުރުމުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
ސިނަމާލޭ ބްރިޖުގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މިވަގުތު ކުރަމުންދަނީ ބްރިޖު ހުޅުވުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކެކެވެ. އެގޮތުން ބްރިޖުގެ 2 ފަރާތުން ގާރޑްރެއިލް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، ޑެކްލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.
މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ޢަމަލީ މަސައްކަތް ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހަބަރ އިންޖިނިއަރިންގ ކޮމްޕެނީއާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.
ދިގުމިނުގައި 1.39 ކިލޯމީޓަރު ހުންނަ މިބްރިޖުގެ ހުރިހާ ތަނބުތަކެއް މިހާރު ވަނީ ގުޅުވާލާ ނިންމާފައެވެ. އަދި ބްރިޖާ އިންވެގެން މާލޭގައި ތަރައްޤީކުރާ ރިންގްރޯޑުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިންމާލާފައެވެ. ހަމައެހެންމެ ބްރިޖުގައި ދަތުރުކުރުމަށް ބޭނުންވާ ބައެއް ބަސްތައްވެސް އެމް.ޕީ.އެލުން މިހާރު ވަނީ ރާއްޖެގެނެސްފައެވެ.
ވެރިރަށް މާލެއާއި ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީ، ހުޅުމާލެއާ ގުޅުވާލުމާކީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބިޔަ މަޝްރޫޢެވެ. އަދި މިއީ އިންޖިނިއަރިންގގެ ދާއިރާއިންވެސް ރާއްޖޭގައި މިވަގުތު ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢެކެވެ.
ޗައިނާ ސަރުކާރުގެވެސް އިސްދަޢުރަކާއެކު ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ސަބަބުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.