ޓެކްނޮލިޖީގެ ދާއިރާގައި ދިވެހިންނަށް ހުރީ މަދު ފުރުޞަތުތަކެއް ނޫންކަމަށާއި މިދާއިރާގައި ގިނަ ފުރުޞަތުތަކެއް އެބަހުރިކަމަށް ހޮލޯގޯ ވޯލްޑް އިންކް އަދި ޓީޗިންގ ޓިއުބް ގެ ކޯ ފައުންޑަރ އަދި ސީއީއޯ އިދާމް ރަޝީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދޭ "މައި ނޭޝަން މައި ފިއުޗަރ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓީޗިންގ ޓިއުބް ގެ ކޯ ފައުންޑަރ އިދާމް ރަޝީދު ވިދާޅުވީ، ދިވެހިންނަށް ގިނަ ފުރުޞަތުތަކެއް ހުރިއިރު، ބައެއް ޒުވާނުން ދަނީ އެފުރުޞަތުތަކުގެ ބޭނުން ހިފަމުންކަމަށެވެ. މިގޮތުން ރާއްޖޭގެ ޒުވާނުން ހަދާ އެޕްލިކޭޝަންތައްވެސް މިއަދު އެޕް ސްޓޯރ ނުވަތަ ގޫގުލް ޕްލޭ ސްޓޯރުން ލިބެން ހުންނަކަން އޭނާ ފާހަގަކުރިއެވެ.
އިދާމްގެ ވާހަކައިގައި އޭނާއާއި އޭނާގެ ރަށްޓެއްސެއް ވެގެން ތައްޔާރުކުރި "ހޮލޯގޯ ވޯލްޑް" ކިޔާ ތައުލީމީ ދާއިރާގެ އެޕްލިކޭޝަނެއްގެ ކާމިޔާބީ ހިއްސާކުރިއެވެ. އިދާމް ބުނީ މި އެޕްލިކޭޝަން ތައްޔާރުކުރުމަށްފަހު އެޕް ސްޓޯރއަށް ދޫކޮށްލީ މާބޮޑު އުއްމީދުތަކެއް އޮވެގެން ނޫންކަމަށެވެ. ނަމަވެސް މިހާރު ދުވާލަކު 2000 މީހުން އެޕްލިކޭޝަން ޑައުންލޯޑްކުރާކަމަށާއި، ގިނައިން ޑައުންލޯޑް ކުރަނީ ބޭރު މީހުންކަމަށް އޭނާ ބުންޏެވެ. އަދި މި އެފްލިކޭޝަނަކީ މިއަދު އެޕް ސްޓޯރގައި އިޝްތިހާރުކުރާ އެޕްލިކޭޝަނެއްކަމަށްވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ދަބަސް ޕެކްކޮށްފައި މި ނައްޓާލަނީކީ ނޫން... މިތާތިބެގެން މިކުރަނީ މިމަސައްކަތް އިނގޭތޯ.؟ އަދި ޑިވެލޮޕްކުރާ ހުރިހާ ކުދިންނަކީވެސް ދިވެހި ކުދިން. ޕްރޯ ޑިޒައިނަރސްގެ މިތިބީ އަޅުގަނޑުމެންގެ ޑިވެލޮޕްކުރާ މުޅި ޓީމް އެއީ ޓީމް އޮފް 17 މޯލްޑިވިއަންސް. ކޮންޓެންޓް ޓީމް އަޅުގަނޑުމެން މިގެންގުޅެނީ ވަކިން. އެއީވެސް ހަމަ ޓީމް އޮފް މޯލްޑިވިއަން ސްޓޫޑަންޓްސް. އެ ކަސްޓަމައިޒް ކޮށްލަނީ ސައުދީ ވިޒަން 2030 އަށްބޭނުންވާ ކަރިކިއުލަމްގެ ކޮންޓެކްސްޓްލައިޒްކޮށްފައި ލޯކަލައިޒް އެކުރަނީ ސައުދީ ކައުންޓަރ ޕާރޓްއާއި އެކީގައި ހަމަ ދިވެހި ކުދިން." އިދާމް ރަސީދު ވިދާޅުވިއެވެ.
އައިލެންޑާރސް ގުރޫޕް އޮފް ކޮންޕެނީސްގެ އެގްޒެކެޓިވް ޑައިރެކްޓަރ މުޙައްމަދު ޝަމްހީލްގެ ވާހަކައިގައި ވަނީ މަދު ވަސީލަތްތަކަކުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ވަސީލަތްތައް އިތުރުވެއްޖެނަމަ ޓެކްނޮލޮޖީގައި ދިވެހި ޒުވާނުންނަށް މިއަށްވުރެ ބޮޑު ކުރިއެރުމެއް ހޯދާނެކަން ފާހަގަކޮށްފައެވެ.
"އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ލޯގޯ މިއަރަނީ އެޕް ސްޓޯރގެ ފީޗާރޑް ބެނާއަށް. މީހަމަ އަޅުގަނޑުމެން ދިވެހީން ކުރި މަސައްކަތް. މި ލިމިޑެޓް ރިސޯސަސް ބޭނުންކޮށްގެން އަޅުގަނޑުމެން ކުރި މަސައްކަތް މިއީ. އެހެންވެއްޖިއްޔާމުން ތިވިދާޅުވާ ގޮތަށް އަންލިމިޑެޓް ރިސޯސް މިދެންނެވީ ސްމާރޓް ސިޓީއެއް ބިނާވެ، އަޅުގަނޑުމެނަށް މި ޓްރެއިނިންގ ލިބި އިންޓަނެޓް ފާސްޓްވެ ނޫނިއްޔާމުން އޭގެ އަގުހެޔޮ ވެއްޔިއްޔާމުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށް ދެވިދާނެބާއޭ އަޅުގަނޑު ހަމަ ސުވާލު އުފެދެނީ." މުޙައްމަދު ޝަމްހީލް ވިދާޅުވިއެވެ.
މައި ނޭޝަން މައި ފިއުޗަރ ޕްރޮގްރާމްގައި ބައިވެރިވި ހުރިހާ ޕެނަލިސްޓުންވެސް ވަނީ ޓެކްނޮލޮޖީގެ ދާއިރާއަކީ ދިވެހިންނަށް ފުރުސަތު އޮތް ދާއިރާއެއްކަމަށާއި މިމަސައްކަތަކީ ދިވެހިންނަށް ދިވެހި ޤައުމުގައި ތިބެގެންވެސް ކުރެވޭނެ މަސައްކަތެއްކަން ފާހަގަކޮށްފައެވެ.