އިންޑިއާގެ ތްރިވަނަންތަޕޫރަމުން މިރޭ މާލެ އަންނަ ފްލައިޓަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް މޫސުމް ގޯސްވުމުގެ ސަބަބުން ގަޑިއަށް ޗެކިން ނުވެވިއްޖެނަމަ އެއްވެސް ފީއަކާ ނުލާ އެހެން ތާރީޚަކަށް ޓިކެޓް ބަދަލުކޮށްދޭނޭ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ތްރިވަނަންތަޕޫރަމަށް ވެސް މޫސުން ގޯސްވެ ވާރޭވެހުމުގެ ސަބަބުން އެއްގަމާއި ވައިގެ ދަތުރުފަތުރުތަކަށްވަނީ ބުރޫ އަރާފައެވެ. މޫސުމް ގޯސްވުމުގެ ސަބަބުން މިރޭ ތްރިވަނަންތަޕޫރަމުން މާލެއަށް ތާވަލުކޮށްފައިވާ ފްލައިޓަށް ޓިކެޓް ގަނެފައިވާ ފަސިންޖަރުންނަށް ގަޑިއަށް އެއަރޕޯޓަށް އައުމުގައި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާތީ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ ފަސިންޖަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސައިދީފައެވެ.
އެގޮތުން މިރޭ ތްރިވަނަންތަޕޫރަމުން މާލެ ފުރަން ތާވަލުކޮށްފައިވާ ފުލައިޓުން ޓިކެޓް ނެގި ފަރާތްތަކުގެ ތެރެއިން ގަޑިއަށް އެއަރޕޯޓަށް ނުދެވޭ ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ އެހެން ދުވަހަކަށް ޓިކެޓް ބަދަލުކުރުމުގެ އިންތިޒާމު މޯލްޑިވިއަނުން ވަނީ ހަމަޖައްސައިދީފައެވެ.
މޯލްޑިވިއަނުން ވަނީ ޓިކެޓު ބަދަލުކުރުމުގައި އެއްވެސް އެހީއެއް ބޭނުންވާނަމަ ތްރިވަނަންތަޕޫރަމުގައި ހުންނަ މޯލްޑިވިއަންގެ އޮފީހަށް ގުޅައިގެން ކުރިއަށްގެންދިއުމަށް އިލްތިމާސްކޮށްފައެވެ.