ޚަބަރު

ޓީވީއެމް ޖޫނިއަރއަށް ކޮންޓެންޓް ތައްޔާރުކުރުމުގެ ފުރުޞަތު ހުޅުވާލައިފި


ޓީވީއެމް ޖޫނިއަރއަށް ކޮންޓެންޓް ތައްޔާރުކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި ފުރުޞަތު އާންމުކޮށް ހުލުވާލާފައިވާކަން އިއުލާން ކޮށްފައިވަނީ ޓީވީއެމް ޖޫނިއަރގެ ބްރޭންޑިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލްލަތީފެވެ.

ޓީވީއެމް ޖޫނިއަރއަކީ ކުޑަކުދިންގެ މެދުގައި ދިވެހިވަންތަކަން އާލާކޮށް އިސްލާމީ ރިވެތި އާދަތައް ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމުގެ މަޤްޞަދުގައި ޕަބްލިކް ސަރވިސް މީޑިއާއިން އުފައްދާ ޗެނެލެކެވެ. މިޗެނަލްގެ ބްރޭންޑިން ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފު ވިދާޅުވީ އަންނަ މަހު މިޗެނަލް ލޯންޗުކުރުމަށް ހަމަޖެހިފައިވާއިރު، ޗެނަލަށް ކޮންޓެންޓް ތައްޔާރުކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

"މިޗެނަލް މުއްސަދިކުރުމުގެ މަޤްޞަދުގައި ދިވެހި ރާއްޖޭގެ ޤާބިލް ހުރިހާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވާލާފައި. މިހަފްތަތެރޭގައި އަޅުގަނޑުމެން ފަށާނަން ރާއްޖޭގެ ސްކޫލްތަކާ ވާހަކަދައްކަން. އެފަރާތްތަކަށް ވާހަކަދައްކާނަން ކުދިންނަށް ރަގަނޅު ޕްރޮގްރާމްތައް އުފައްދަން. ކޮންމެ ސްކޫލްކުންވެސް ޕްރޮޑަކްޝަން ހައުސްތަކުންވެސް އަންނަންވީ. ބޭރުގެ ޕްރޮޑެކްޝަން ހައުސްތައް ހުރޭ އިސްލާމީ ރިވެތި އާދަކާދަތަކާ ތާރީޚީ ކޮންޓެންޓްއުފައްދާ. މިފަދަ ފަރާތްތަކާއެކުވެސް މަޝްވަރާކުރެވި، އެބޭފުޅުންގެ ކޮންޓެންޓް ދިވެހި ބަހުން ސަބްޓައިޓަލް ނުވަތަ އަޑުއަޅައިގެން ގެނައުމަށް މަސައްކަތްކުރާންނަން". އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭގައި ދިވެހި ބަހުން އުފައްދާ ފުރަތަމަ ކާޓޫން މިޗެނަލް މެދުވެރިކޮށް ކުޑަކުދިންނާހަމައަށް ގެނެސްދެވޭނެކަމަށެވެ. އެގޮތުން ތާރީޚީގޮތުން ދިވެހިން ބަޠަލުންގެ ގޮތުގައި ދެކޭ ބޭބޭފުޅުންގެ ވާހަކަތައް ކުދިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި މިޗެނަލް މެދުވެރިކޮށް ބުނެދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މިޗެނަލްވެގެންދާނީ ތަޢުލީމީ ގޮތުން ދިވެހި ބަހާއި ދިވެހި އާދަކާދަތައް ކުދިންނަށް ދަސްކޮށްދިނުމަށް މަގުފަހިކޮށްދޭނެ ޗެނަލެއްކަމަށެވެ. އަދި މި ޗެނަލަކީ މައިންބަފައިންނަށް ޖެހިލުމެއްނެތި ކުޑަކުދިންނަށް ދައްކާލެވޭނެފަދަ ކޮންޓެންޓްތައް އެކުލެވޭ ފައިދާކުރަނިވި ޗެނަލަކަށް ހެދުން އެއީ އަމާޒެއްކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.