ޚަބަރު

ރީ-ރަޖިސްޓްރޭޝަނަށް އެދި 86000 އަށްވުރެ ގިނަ ފޯމް ލިބިއްޖެ - އިލެކްޝަންސް ކޮމިޝަން


އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގެ ތެރޭގައި މިހާތަނަށް 86000 އަށްވުރެ ގިނަމީހުން ރީ-ރަޖިސްޓަރވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބަށް ޓްރެއިނަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އިއްޔެގެ ނިޔަލަށް އެކޮމިޝަނަށް އަށްޑިހަ ހަ ހާހަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށެވެ. އަދި އެއީ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު، އިތުރު ޢަދަދެއް ކަމަށާ، މިއަދުގެ ނިޔަލަށް ސަތޭކަހާހާ ގާތްކުރާ ޢަދަދަކަށް ރީ-ރަޖިސްޓްރޭޝަނަށް އެދި އެކޮމިޝަނަށް ފޯމު ހުށަހަޅާނެކަމަށް ބެލެވޭކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"ރޭގައި އަޅުގަނޑުމެން އޮފީސް ބަންދުކުރިއިރު 86 ހާހަށްވުރެ ގިނަ ރީ-ރަޖިސްޓްރޭޝަން ފޯމް އިލެކްޝަންސް ކޮމިޝަނަށް ވަނީ ލިބިފައި. ވޭތުވެދިޔަ އިންތިޚާބުތަކުގައި 60 ހާސް ވަރު ގާތްގަނޑަކަށް އުޅުނީ. އަޅުގަނޑުމެން އުއްމީދު މިކުރަނީ މިއަދު އޮފީސް ބަންދުވާއިރު ލައްކައަކާއި ގާތްކުރާ އަދަދަކަށް ފޯމް އަންނާނެކަމަށް"

ޝަރީފު ވިދާޅުވީ، ކުރީގެ އިންތިޚާބުތަކާއި އަޅާބަލާއިރު، މިފަހަރުގެ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ވޯޓުލާ އާބާދީގެ ގާތްގަނޑަކަށް %34 ނުވަތަ %35 މީހުންނަކީ މިފަހަރު ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާނެ މީހުންކަމަށް ބެލެވޭކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

"ވޭތުވެދިޔަ އިންތިޚާބުތަކަށްވުރެ މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކާ ރަޖިސްޓްރީކުރުމަށް ރައްޔިތުން ދިން ތަރުޚީބު ވަރަށް ބޮޑު. ވޯޓުލާ އާބާދީގެ 34 ނުވަތަ 35 އިންސައްތަ މީހުންނަކީ މިފަހަރު އެމީހުން ރަށްވެހިވެފައިވާ ތަން ނޫން، އެހެން ތަނެއްގައި ވޯޓުލާނެ މީހުން. އެހެންވީމަ އިންތިޚާބުގެ ކަންކަމުގައި އާއްމުންގެ ފަރާތުން ތަރުޚީބު ލިބޭލެއް ބޮޑުކަން އަޅުގަނޑު ފާހަގަކޮށްލަން"

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލި ފުރުޞަތު މިއަދުގެ ނިޔަލަށް ހަމަވާއިރު އެކޮމިޝަނަށް ފޯމުތައް ބަލައިގަންނާނެ އެންމެ ފަހުގެ ވަގުތަކީ މިއަދު ހަވީރު 17:00 އެވެ.