ގދ.ކާޑެއްދޫ އެއަރޕޯޓު ބައިނަލް އަޤްވާމީ ފެންވަރަކަށް ތަރައްޤީކުރައްވާ ގއ އަދި ގދ އަތޮޅުގައި ފަތުރުވެރިކަމުގެ 10000 އެނދު ކުރިއަށް އޮތް ތިންއަހަރު ދުވަހުގެ ތެރޭގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ގއ އަދި ގދ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚަތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މަޑަވެލީ ރައްޔިތުންނާ މުޚަތަބްކުރައްވާ ރައިސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެންމެބޮޑަށް އިސްމަކަމެއް ދެއްވަނީ ރައްޔިތުންނަށް ތަނަވަސްކަން ހޯއްދަވައިދެއްވުމަށްކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބުވެވަޑަގެންފިނަމަ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ގދ އަދި ގއ އަތޮޅުގައި ދިހަހާސް އެނދު ތަރައްޤީކުރައްވާނެކަމަށެވެ. އެއީ ގދ. އަތޮޅަށް ހަހާސް އެނދުކަމަށާއި ގއ އަތޮޅަށް ހަތަރުހާސް އެނދުކަމަށް ރައިސް ވިދާޅުވިއެވެ. އެގޮތުން މަޑަވެލި ނަޑެއްލަ ހޯޑެއްދޫ އަދި ރަތަފަންދޫ ހިމެނޭހެން އެސަރަޙައްދުގައި ސާދަސްތޭކަ އެނދު ތަރައްޤީ ކުރާއްވާނެކަމަށާއި އޭގެ ސަބަބުން ދެހާސް ތިނަސަތޭކަ ވަޒީފާ އުފެދިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެދެއަތޮޅަކީ ޤުދުރަތީ ގޮތުން ދުނިޔޭގެ އޮތް އެންމެ ބޮޑު އަތޮޅުކަން ފާހަގަކުރައްވާ ރައިސް ވިދަޅުވީ މިދެއަތޮޅަށް ފަތުރުވެރިކަން ތަރައްޤީވެގެން އަންނަ އިރު ކުރިއަށް އޮތް ދައުރުގެ އެންމެ ކުރީކޮޅު ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީ ކުރައްވާނެކަމަށެވެ.
ރައިސްގެ ވާހަކަފުޅުގައި ރައްޔިތުންގެ ބޮލަކަށް ޖެހޭ މިންވަރު މިހާރު ހަތަރުހާސް ޑޮލަރުން ދިހަހާސް ޑޮލަރަށް މަތިކޮށްދީފައިވާއިރު އެމަނިކުފާނުގެ އުއްމީދަކީ އެނިސްބަތް ވިހިހާސް ޑޮލަރަށް މައްޗަށް ގެންދިއުންކަމަށް ރައީސް ވިދާޅުވިއެވެ.